އީދުގެ ފުރަތަމަ ތިން ދުވަހު ލ. ގަމުގައި ފެންކުޅި ކުޅުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.

ގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން "ސަން" އަށް ވިދާޅުވީ އެ ރަށުގައި ފެންކުޅި ކުޅެވޭނީ ހަމައެކަނި އީދުގެ އެންމެ ފަހު ދުވަހު ކަމަށް ހަމަޖެއްސީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށެވެ.

ފެންކުޅި ކުޅުމާ ގުޅޭގޮތުން މީގެކުރިން ކައުންސިލަށް ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް ލިބުނު ކަމަށާއި އެކަންކަމުގެ މައްޗަށް ބެލުމަށްފަހު ވަޒީފާއަދާ ކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި އެބަދަލު ގެނައީ ކަމަށް ޝާހީން ވިދާޅުވިއެވެ.

"ވަޒީފާ އަށް ދާ މީހުންގެ ރައްކާތެރިކަމަށްޓަކައި މި ބަދަލު ގެނައީ. މީގެ ކުރީ އަހަރުތަކުގައި ވެސް ރައްޔިތުންގެ ކަންބޮޑުވުން މިކަމަށް ފާޅުކޮށްފައިވޭ. ގޭތެރެއަށް ވަދެ ފެންޖެހުމުގައި އަންހެން ކުދިންގެ ގައިގައި އަތްލުމުގެެ މައްސަލަ ވަރަށް ބޮޑަށް ދިމާވި. އެކަމުގެ ސަބަބުން މިދިޔަ ފަހަރުވެސް ހަތަރު ގްރޫޕެއްގެ މެދުގައި ތަޅާފޮޅުން ވަނީ ހިނގާފަ،" ޝާހީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން އީދުގައި ފެންކުޅި ކުޅުމާއި ކުލަ ޖެހުމުގައި އަމަލުކުރަންވީ މިންގަނޑެއް ކަނޑައަޅައިދިނުމަށް ރައްޔިތުން ކައުންސިލްގައި އެދުނު ކަމަށެވެ.

އިސްލާމީ ރިވެތި އަޚްލާގުގެ ތެރެއިން ފެންކުޅި ކުޅުމަށް ރަށުގެ ރައްޔިތުންނަށް ގަމު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.