31 Aug 2017, 17:29
އަޟްޙާ އީދު ދަސްކޮށްދޭ އަގުހުރި ފިލާވަޅުން ޢިބްރަތް ހާސިލުކޮށް، ކޮންމެ ކަމެއްގައިވެސް ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ، ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ބަރަކާތްތެރި އަޟްހާ އީދުން އަޅުގަނޑުމެންނަށް ދަސްވާ ފިލާވަޅަކީ، ތިމާގެ އަމިއްލަ މަސްލަޙަތަށްވުރެ އަނެކުންގެ މަސްލަހަތު އިސްކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ފިލާވަޅުން އަޅުގަނޑުމެންނަށް ހާމަވެގެންދަނީ އެހެން ފަރުދުންގެ މަސްލަހަތާއި، ގައުމުގެ މަސްލަހަތު އިސްކުރުމަށް، މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އަހަންމިއްޔަތުގެ ބޮޑުކަމެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ކަންކަން އޮތް ހާލަތަށް އިޝާރާތްކުރައްވަމުން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔުމަކީ، އެކަމުގެ ސަބަބުން ގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ރޫޅި، ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެ، މުޅި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ގައުމީ މަސްލަހަތަށް ލޮޅުން އަރާނެ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ގެނެސްދިނުންކަމަށްވާއިރު، އެ ތަރައްގީ ގެނެސްދެވޭނީވެސް ގައުމުގައި ހަމަޖެހުމާއި އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެންކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އެންމެން އިހްތިރާމު ކޮށްގެން، އެއަށް ބޯލަނބައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަކީ، އަޅުގަނޑުމެން އެންމެންގެ ގައުމުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވައިގެން، ގައުމުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް ރައީސް ޔާމީން ގޮވާލެއްވިއެވެ.