31 Aug 2017, 18:05
މައްކާ (ރޮއިޓާސް) – ހައްޖު އަޅުކަމުގައި އުޅޭއިރު ދިމާވާ ކުއްލި ހާލަތްތަކަށް ފުރަތަމަ އިޖާބަދޭ އެމަޖެންސީ ކޯލް ސެންޓަރުގައި ފުރަތަމަ ފަހަރަށް އަންހެނުން ބައިވެރިކޮށްފިއެވެ.
މީގެ ކުރިން އޮތް އަންހެނުން ގޭގައި ތިބުމުގެ ސަގާފަތް ދޫކޮށްލައި، އުނގެނުމާއި މަސައްކަތުގެ މާހައުލުގައި ވެސް އަންހެނުން ބައިވެރިކުރުން އިތުރުކުރުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމްކުރި އެމަޖެންސީ ކޯލް ސެންޓަރުގެ ފުރަތަމަ އަންހެނުންގެ ބައިގައި މިއަހަރުގެ ސައުދީގެ ހަތް އަންހެނުން ބައިވެރިވެއެވެ.
އެމަޖެންސީ ކޯލް ސެންޓަރުގައި ވަޒީފާ އަދާކުރާ ފިރިހެނުންނާ ވަކިން ތިބޭ އެ މީހުން ވާހަކަ ދައްކާނީ އިނގިރޭސި ބަުންނެވެ. އަދި ވަޒީފާއަށް ނުކުތުމުގެ ކުރިން އެކަމުގެ ތަޖުރިބާ ވެސް ވަނީ ދީފައެވެ.
އެ މީހުންގެ މަސްއޫލިއްޔަތަކީ މައްކާގެ އެކި ހިސާބުތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއެއް، ޓްރެފިކް އެކްސިޑެންޓެއް ނޫނީ ބަލިމަޑުކަމެއް ރިޕޯޓްކުރާ މީހެއް ހުރި ތަނެއްގެ މައުލޫމާތު ސާފުކޮށް އެ މައުލޫމާތު ފުރަތަމަ އެހީތެރިންނަށް ފޯރުކޮށްދިނުމެވެ. މިއީ ހައްޖުގެ އަޅުކަމާ ގުޅުންހުރި ކަމެއްގައި ނަގާ ބޮޑު ޒިންމާއެކެވެ.
"އެތައް ދާއިރާއެއްގައި ސައުދީ އަންހެނުން މަސައްކަތްކުރޭ. އެހެންކަމުން އެމީހުންނަށް ސެކިއުރިޓީ ދާއިރާގައި ވެސް އުޅެވޭނެ،" މައްކާ ޔުނިވާސިޓީ އިން އިނގިރޭސި ބަސް ކިޔަވައިގެން އެމަޖެންސީ ކޯލް ސެންޓަރުގައި ވަޒީފާ އަދާކުރަން ފެށި 31 އަހަރުގެ ބާރާ އަލް ޝުވައިބީ ބުންޏެވެ.
ހާދިސާއެއް ދިމާވުމުން އެކަމަކަށް ވީއެންމެ އަވަހަކަށް އިޖާބަ ދިނުމުގެ ބޭނުމުގައި މައްކާގައި އޮޕަރޭޝަން ސެންޓަރެއް ގާއިމްކުރީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އިތުރު ސެންޓަރުތަކެއް ރިޔާދު، މައްކާ އަދި އިރުމަތީ ޕްރޮވިންސްގައި ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
މައްކާގެ ރެސްޕޯންސް ޓީމު ހިންގެވުމާ ހަވާލުވެގެން ހުންނެވި މޭޖާރ ޖެނެރަލް އަބްދުލް ރަހްމާން އަލް ސާލިހް ވިދާޅުވީ، ހައްޖު މޫސުމުގައި ކޮންމެ ދުވަހަކު އެ ސެންޓަރަށް 65،000 ކޯލު އަންނަ ކަމަށެވެ. އެއީ އެހެން ދުވަސްތަކާ އަޅާބަލާއިރު 50 ޕަސެންޓް އިތުރު އަދަދެކެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރެސްޕޯންސް ޓީމުގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކޮށް އެމީހުންނަށް އެޑްވާންސް ތަމްރީން ދިނުމަށް ރާވާފައިވާ ކަމަށެވެ.
ކޯލް ސެންޓަރުގެ އަންހެނުންގެ ބަޔާ ހަވާލުވެގެން ހުންނަވަނީ އެމެރިކާގެ ޔުނިވާސިޓީ އަކުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނަވާ ހައްސާ އަލް ބަދީއެވެ. އޭނާ ވިދާޅުވާ ގޮތުގައި، މީގެ ކުރިން ކޯލް ސެންޓަރަށް ގުޅާ ބައެއް އަންހެނުން، އެމީހުން ބޭނުންވާ ކަމުގެ ސަބަބުން އަންހެން މުވައްޒަފަކާ ވާހަކަދައްކަން ބޭނުންވާ ކަމަށެވެ.
އަދި މިއަދު ސެކިއުރީ ދާއިރާގައި އަންހެނުން ބައިވެރިވާން ފެށުމުން އެ ދާއިރާގައި އަންހެނުން ކުރިއަރައިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.