ކުރީގެ ޓީވީ އެމްއާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުން ]މިހާރު އެމްއެންބީސީގެ މުވައްޒަފުން[ނަށް އެމްބީސީގެ ބޯޑާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށާއި އެބޯޑަކީ މާ ސިޔާސީ ބޯޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ދިވެހި މީޑިއާގެ ގާނޫނީ އޮނިގަނޑާ ބެހޭ ގޮތުން މީޑިޔާ ކައުންސިލުން އިންތިޒާމްކޮށްގެން އިއްޔެ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ފޯރަމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ކުރީގެ ޓީވީ އެމް އާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ ވެސް އޭނާ ކުރެއްވި ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އެމްބީސީ ގާނޫނު ފާސްކުރީ އެދެތަން އެކުވެގެން އުފެދުނު ކޯޕަރޭޝަން ސްޓޭޓް ބްރޯޑްކާސްޓަރަކަން ޕަބްލިކް ބްރޯޑްކާސްޓަރަކަށް ބަދަލުކުރަން ކަމަށެވެ. ނަމަވެސް އެކޯޕަރޭޝަނަށް ހޮވުނު ބޯޑް "ސިޔާސީ ފުޓްބޯޅައަކަށް" ބަދަލުވެފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭނާ އެވާހަކަ ]ކުރީގެ ޓީވީ އެމްއާއި ދިވެހިރާއްޖޭގެ އަޑުގެ މުދަލާއި މުވައްޒަފުން އެމްބީސީއާ ހަވާލުކުރުމުގެ ވާހަކަ[ ދައްކަވަން ނުކުމެވަޑައި ނުގަންނަވަނީ އެހެންވެ ކަމަށެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ އެހެން ނަމަވެސް ޑިރެކްޓަރުންގެ ބޯޑަށް ހޮވުނު މީހުންގެ ގޮތުން، މުޅި އެތި ސިޔާސީ ފުޓްބޯޅައަކަށް ބަދަލުވެގެން ދިޔައީ." ނަޝީދު ވިދާޅުވި އެވެ.

އިއްޔެގެ ފޯރަމްގައި މީޑިއާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މީޑިއާގެ ހުރިހާ އެންމެން އެއް ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނޫނީ ނޫސްވެރިންގެ މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ.