31 Aug 2017, 13:56
(ކޯޕަންހޭގަން، ޑެންމާކް) - ހަތަރު ފަންގިފިލާއަށް ވުރެ އުސް ނުވާހެން، އެއް އުސްމިނަކަށް ހަދާފައިވާ ކުލަ ކުލައިގެ، މުސްކުޅި އިމާރާތްތަކަކީ ކޯޕަންހޭގަންގެ ރަމްޒެކެވެ. މިއީ ވަރަށްވެސް ރީތި ޝަހަރެކެވެ. ތާރީޚީ ޝައުގުވެރި ވާހަކަތަކެއް ދައްކާ ރީތި ބިނާތައް ބައިވަރެވެ. މިފަދަ ސިޓީއަކަށް އަލަށް އަންނަ މީހަކަށް ރަށުތެރެ ދައްކުވައިދޭން އާންމުކޮށް އުޅޭނީ އެތަނަށް ނިސްބަތްވާ، އެތަނުގެ ރައްޔިތެކެވެ. ނަމަވެސް މިއީ ތަފާތު ކަމެކެވެ.
ދާޚިލީ އެކި ސަބަބުތަކާ ހުރެ އަމިއްލަ ވަޒަން ދޫކޮށް، ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ޔޫރަޕުގައި ގިނަ ބަޔަކު ދަނީ ރައްކާތެރިކަމަށް އެދެމުންނެވެ. އެސައިލަމް ހޯދައިގެން ރެފިއުޖީންނަށް ވުމަށް އެދެމުންނެވެ. ދުނިޔޭގެ އެންމެ "އުފާވެރި ގައުމު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޑެންމާކުގެ ރައްކާތެރިކަމަށްވެސް ގިނަ ބަޔަކު އެދެއެވެ. ގިނައީ އެފްރިކާއާއި މެދުއިރުމަތީގެ ރައްޔިތުންނެވެ.
ކޯޕަންހޭގަންގެ ސިޓީ ޓުއާ ދިނުމަށް އަހަރެމެންނާ ބައްދަލުކުރީ އަމިއްލަ ވަޒަން ދޫކޮށް، ޑެންމާކުގެ މަދަދަށް އެދި އައިސް ހުރި މީހެކެވެ. އެފްރިކާގެ ގައުމެއް ކަމުގައިވާ، އެރިޓްރިއާއަށް ނިސްބަތްވާ އަންހެނެކެވެ. ނަމަކީ އީޑެންއެވެ. ސިޓީ ޓުއާއައިގެން އީޑެން އަހަރެމެން ގެންދިޔައީ ވަރަށް ތަފާތު ތަންތަނަށެވެ. "ފަތުރުވެރި" މަންޒިލުތަކަކަށް ނޫނެވެ.

ޑެންމާކުގެ ކޯޕަންހޭގަން އަކީ ކުލަ ކުލައިގެ، މުސްކުޅި އިމާރާތްތައް ގިނަ ސަހަރެއް -- ސަން ފޮޓޯ: މާހިލް މުހައްމަދު
މި ޓުއާއަށް ކިޔަނީ "ރެފިއުޖީ ވޮއިސެސް ޓުއާ ކޯޕަންހޭގަން"އެވެ. އީޑެން އަހަރެމެން ގެންދިޔައީ އާންމުކޮށް ޓުއާ ގައިޑުން، ފަތުރުވެރިން ގެންދާ ތަންތަނަކަށް ނޫނެވެ. ނަމަވެސް އޭނާ ފަދަ ރެފިއުޖީންނަށް ކޯޕަންހޭގަންގައި މުހިންމުވެ، ޚާއްސަވާ ތަންތަނަށެވެ. އަދި ކޯޕަންހޭގަނާއި އޭނާ ނިސްބަތްވާ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދަތަކުގެ ތަފާތު ދައްކައިދެވޭނެ ފަދަ ތަންތަނަށެވެ.
ޑެންމާކްގައި ރެފިއުޖީންނާ ގުޅޭ މައުލޫމާތު ދޭ ވެބްސައިޓެއްގައިވާ ގޮތުން، އެގައުމުގައި ރެފިއުޖީ ސްޓޭޓަސް ހޯދުމަށް، އެސައިލަމްއަށް އެދިގެން 8،000 އަށް ވުރެ ގިނަ ބޭރު މީހުން އެބަ ތިއްބެވެ. އެމީހުން ތިބެނީ "އެސައިލަމް ކޭމްޕް"ތަކުގައެވެ.
ރެފިއުޖީ ވޮއިސެސް ޓުއާގައިޑު އީޑެން ކިޔައިދިން ގޮތުގައި، ކޭމްޕުގެ ނަމުން ނަން ދިނަސް އެއީ ޒާތެއްގެ ޖަލެކެވެ. އެތަނުގައި އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައެވެ. އީޑެން، އޭނާގެ ފަސް އަހަރުގެ ދަރިފުޅާ އެކު މިހާރުވެސް އުޅެނީ ވަކި އަރާމެއްގައެއް ނޫނެވެ.
އީޑެން ނިސްބަތްވާ އެރިޓްރިއާ، 1990ގެ އަހަރުތަކުގައި މިނިވަން ވުމަށްފަހު އެގައުމު އޮތީ ބޮޑު ހަމަނުޖެހުމެއްގައެވެ. އެރިޓްރިއާގެ ސަރުކާރަކީ، ހިއުމަން ރައިޓްސް ވޮޗް ބުނާ ގޮތުގައި، ރައްޔިތުންގެ އިންސާނީ ހައްގުތަކާ އެންމެ ބޮޑަށް ޚިލާފުވާ އެއް ގައުމެވެ. އަދި އެގައުމުގައި ނޫސްވެރިކަމުގެ މިނިވަންކަންވެސް އޮންނަނީ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެންމެ ފުލުގައެވެ. ނޫސްވެރިއަކަށް ވުމަށް ހިތް އެދިއެދި ހުރި އީޑެންއަށް އެފަދަ މާހައުލެއްގައި ދިރިއުޅެވޭނެކަމަށް ގަބޫލު ނުކުރެވޭތީ، އޭނާ ނިންމީ އެރިޓްރިއާއިން ފުރައިގެން ވިލާތުގެ ހިމާޔަތް ހޯދާށެވެ.
މީގެ ގިނަ އަހަރުތަކެއް ކުރިން އީޑެން، އެފްރިކާގެ ބޮޑު ސަހަރާ ޑެސާޓު ހުރަސްކޮށް، ފުރާނަ އަތްމައްޗަށް ލައިގެން ކުޑަކުޑަ ޕްލާސްޓިކް ބޯޓެއްގައި، މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވިިއެވެ. ގްރީސްއަށެވެ. ގްރީސްއިން އޭނާ ދިޔައީ ޔޫރަޕުގެ އެހެން ގައުމަކަށެވެ. ދެން އެއް ގައުމުން އަނެއް ގައުމަށް އޭނާ ޑީޕޯޓު ކުރަން ފެށިއެވެ. އެންމެ ފަހުން ލައްވާލީ ޑެންމާކަށެވެ. ޑެންމާކުގައި އޭނާ މިވަގުތު ހުރީ ތާށި ވެފައެވެ. ސަބަބަކީ، އެރިޓްރިއާއަކީ، އެގައުމުން ފިލުމަށް ބޭރުވާ މީހުންނަށް އަނބުރާ މަރުހަބާ ކިޔާ ގައުމަކަށް ނުވާތީއެވެ. އަދި އެހެން ގައުމަކަށް އޭނާ ނިސްބަތް ނުވާތީ އެހެން ގައުމަކަށް އޭނާ ފޮނުވައެއް ނުލެވެއެވެ.
މީގެ ހަ އަހަރު ކުރިން ޑެންމާކުގެ ރައްކާތެރިކަން ހޯދުމަށް ހުށަހެޅި އީޑެންގެ އެޕްލިކޭޝަން، 2014 ވަނަ އަހަރު ވަނީ ބޭރު ކޮށްލައިފައެވެ.
"އަހަރެންގެ އެސައިލަމް އެޕްލިކޭޝާން ލީތާ ހަތަރު އަހަރު ފަހުން ރިޖެކްޓްކޮށްލައި، ބޭރުކޮށްލާފައި ވަނީ. އެކަމަކުވެސް އުންމީދު ކަނޑާނުލައި، އަނެއްކާވެސް އެސައިލަމްއަށް ހުށަހަޅައިފިން. މިހާރު ދެ އަހަރު ވެއްޖެ. މިފަހަރުވެސް ރިޖެކްޓް ވިއްޔާ އަހަރެން، ދަރިފުޅުވެސް ގޮވައިގެން ދާންޖެހޭނީ ޖަލަށް،" އީޑެން އޭނާގެ ހާލަތު ކިޔައިދިނެވެ.
"އެކަމަކު އެއީ ވަރަށް ހެއްވާ ކަމެއް. އަހަރެން ގޯސްކޮށް ކަމެއް ނުވެސް ކުރަން. މިތަނުގައި މި ދިރިއުޅެނީ އެހެން މީހުންވެސް އުޅޭ ގޮތަށް. އެކަމަކު އަބަދުވެސް ޖަލަށް ދާންޖެހިދާނެކަމުގެ ބިރުވެރިކަން އޮވޭ."

ޑެންމާކުގެ ކޯޕަންހޭގަން އަކީ ކުލަ ކުލައިގެ، މުސްކުޅި އިމާރާތްތައް ގިނަ ސަހަރެއް -- ސަން ފޮޓޯ: މާހިލް މުހައްމަދު
އޭނާގެ އެސައިލަމްއާ މެދު ގޮތެއް ނިމިފައި ނުވާތީ، އޭނާގެ ފަސް އަހަރުގެ ދަރިފުޅުވެސް ހުރީ ރަސްމީ ނިޒާމުގެ ތެރެއިން ތައުލީމު ހާސިލުކުރުމުން މަހުރޫމުވެފައެވެ.
އީޑެންއަކީ، ކޯޕަންހޭގަންގައި އުޅޭ ރެފިއުޖީންނާއި އެސައިލަމަށް އެދިގެން ތިބި އެކި ގައުމުތަކުގެ މީހުންގެ މެދުގައި މަގުބޫލު މޫނެކެވެ. ނޫސްވެރިއަކަށް ވުމުގެ ހުވަފެން ދެކުނު އީޑެން މިއަދު ވަނީ ޑެންމާކުގައި ތިބި ރެފިއުޖީންގެ މުހިންމު އަޑަކަށް ވެފައެވެ. ރެފިއުޖީންގެ ހަރަކާތްތަކުގައި އިސްކޮށް އުޅެ، އަދި ވޮލަންޓިއާ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ޚަބަރުތައް އިނގިރޭސި ބަހުން ލިޔެ ހަދައެވެ. އޭގެ އިތުރުން، ރެފިއުޖީންނަށް ޚާއްސަ ކޮމިއުނިޓީ ހައުސްތަކުގައި ބާއްވާ ހަރަކާތްތަކަށް އަންނަ މީހުންނަށް ކާބޯތަކެތި ތައްޔާރުކުރުމުގައިވެސް އޭނާ ޝާމިލުވެ އުޅެއެވެ.
މިއީ އެންމެ ރައްޔިތެއްގެ ވާހަކައެވެ. މިފަދަ އެތައް ހާސް ބަޔަކު، ޔޫރަޕާއި އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ އެތައް "އެސައިލަމް ސީކަރުން" އުޅޭނެއެވެ. ކޮންމެ މީހަކުވެސް އަމިއްލަ ވަޒަން ދޫކޮށް، އެހެން ގައުމެއްގެ ހިމާޔަތަށް އެދެންޖެހުމުގެ ފަހަތުގައި އެތައް ވާހަކައަކާއި ސަބަބުތައް އޮންނާނެއެވެ.
އިންތިޒާރުކުރުމަކީ އުނދަގޫ ކަމެކެވެ. އިންތިޒާރަށް ހިތި ނިމުމެއް އައުމަކީ ޚިޔާލުކުުރުމަށްވެސް މާ ހިތްގައިމު ކަމެއް ނޫނެވެ. ނަމަވެސް އީޑެން ފަދަ، އެތައް ބައެއްގެ މެދުގައި އޮންނަ އެއްގޮތް ކަމަކީ އެމީހުންގެ ވަރުގަޒަ އަޒުމެވެ. މިއަދު ދިމާވެފައިވާ ނިކަމެތި އަދި ނުތަނަވަސް ހާލަތުގައިވެސް އުންމީދު ކަނޑާނުލައި، ދިރިއުޅުމައިގެން ކުރިޔަށް ދާ ކަމެވެ.