އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ޖަޖިން އަދި އޮންލައިން ވޯޓިން މިއަދުގެ ނިޔަލަށް ބަންދުވާނެއެވެ.

ސަޓާއަށް ނޮމިނޭޓުކޮށްފައިވާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. މިއަދުގެ ނިޔަލަށް އޮންލައިން ވޯޓިން ބަންދުވާއިރު މިއަހަރުގެ އެވޯޑަށް 300 އަށްވުރެ ގިނަ ހޮޓެލް ބްރޭންޑުތަކާއި ރިސޯޓުތައް ނޮމިނޭޓުކޮށްފައިވެއެވެ.

އޭގެ ތެރޭގައި ސަރަހައްދީ ފެންވަރުގެ ބޮޑެތި ބްރޭންޑުތައް ހިމެނެއެވެ. މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ.

އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ފެށި ރާއްޖޭގެ އިވެލުއޭޝަނަށް ފަހު ސްރީލަންކާ، ދެކުނު އިންޑިއާ، އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން ވަނީ މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ނިންމައިފައެވެ.

އަދި 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު މިއަދުގެ ނިޔަލަށް އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.

މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެ އަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެ އަށް ވަނީ ލިބިފައެވެ.

މިއަހަރު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ބާއްވަން ނިންމާފައިވަނީ އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައެވެ.