ސަލްޓާނު ޕާކު ހުރިތަނުގައި ހަދާފައިވާ ރަސްރަނި ބަގީޗާއަށް ފަސް ދުވަހުގެ ތެރޭގައި 10650 ރުފިޔާ ލިބިފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

އެފައިސާ ލިބިފައި ވަނީ އެ ބަގީޗާއަށް ޓިކެޓް ގަނެގެން ވަތް ބިދޭސީންގެ އަތުންނެވެ. މިހާތަނަށް 142 މީހުން ވަދެފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެ އެވެ.

އެ ފައިސާ ބޭނުންކުރަނީ ކޮން ކަމަކަށް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަށާރަ އަހަރުން މަތީގެ ބިދޭސީންނަށް ހަފްތާ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު ހަޔަކުން ހަތަރަކަށް ރަސްރަނި ބަގީޗާއަށް ވަދެވޭނީ 75 ރުފިޔާގެ ޓިކެޓެއް ނަގައިގެނެވެ.

އަދި ހަފްތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު ހަޔަކުން ހަވީރު ހަތަރަކަށް 75 ރުފިޔާއަށް ވަދެވޭއިރު އެ ދުވަސްތަކުގައި ހަވީރު ހަތަރަކުން ރޭގަނޑު 11 އަށް ވަންނަ ކަމަށްވާ ނަމަ 100 ރުފިޔާގެ ޓިކެޓެއް ގަންނަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އަށާރަ އަހަރުން ދަށުގެ ބިދޭސީ ކުޑަކުދިންނަށާއި ދިވެހިންނަށް ހިލޭ ވަދަވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ރަސްރަނި ބަގީޗާ ބަންދުކޮށްފައި ހުންނާނީ ހުކުރު ދުވަހުގެ 11 އިން ދެއަކަށް އަދި ކޮންމެ ދުވަހެއްގެ އިރުއޮއްސި ހަޔަކުން ރޭގަނޑު އަށަކަށް ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.