ކާބުލް (ޖުލައި 26) : އަފްޣާނިސްތާނުގައި އެމެރިކާގެ ދާއިމީ ޢަސްކަރީ ބޭސްތަކެއް ޤާއިމްކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އަފްޣާނިސްތާނަށް އަލަށް ކަނޑައެޅި އެމެރިކާގެ ސަފީރު ރިޔާން ކްރޫކަރ ވިދާޅުވެއްޖެއެވެ.

މަޤާމާ ޙަވާލުވެ ވަޑައިގަތުމަށްޓަކައި ކާބުލްއަށްވަޑައިގެން ދެއްވި ބަޔާނެއްގައި ކްރޫކަރ ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކައި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ބައިތިއްބަން ބޭނުންވާ މުއްދަތަށްވުރެ އިތުރަށް އެންމެ ދުވަހަކުވެސް އެމެރިކާގެ ޢަސްކަރީ ވުޖޫދު އަފްޣާނިސްތާނުގައި ބާއްވަން ބޭނުންނުވާ ކަމުގައެެވެ.

2014 ވަނަ އަހަރު ނިމުމުގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ޕްލޭނެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިދިޔަ ޖޫންމަހުގެ ފަހުކޮޅުވަނީ އިއްލާން ކުރައްވާފައެވެ. އަދި މިޕްލޭންގެ ދަށުން އެމެރިކާ ސިފައިން ބޭލުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިޖުލައިމަހުގެ އެއްވަނަ ދުވަހުވަނީ ފަށާފައެވެ.

އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާ ނިންމީ އަފްޣާން ހަނގުރާމަ ކާމިޔާބު ނުކުރެވުމާއި ތާލިބާން ޖަމާއަތް ބަލިކުރުމަށް 11 އަހަރުވަންދެން އެމެރިކާ އާއި ނޭޓޯގެ ޤައުމުތައް ގުޅިގެންކުރި ހަނގުރާމަ ނާކާމިޔާބު ވުމާގުޅިގެންނެވެ. މިހަނގުރާމައިގާ ތާލިބާންގެ ސަރުކާރު ވައްޓާލެވުނު ނަމަވެސް އެޖަމާއަތް އެއްވެސް ވަރަކަށް ބަލިކުރުމުގައި ކާމިޔާބު ލިބިފައެއްނުވެއެވެ.

އެމެރިކާގެ ސަފީރު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އެމެރިކާގެ ޢަސްކަރީ ދާއިމީ ބޭސްތަކެއް އަފްޣާންބިމުގައި ޤާއިމްކުރުމަށް އަފްޣާން ސަރުކާރަށް އެމެރިކާ ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމެރިކާގެ ސަފީރު ގެ ވާހަކަތައް މިގޮތަށް ބައްޓަން ކުރައްވާފައިވަނީ އަފްޣާނިސްތާނުގެ އަވަށްޓެރި އީރާނާއި ޕާކިސްތާން ރުއްސުމުގެ ގޮތުން ކަމަށާ އެދެޤައުމު ރުޅިއަރުވާލައިގެން އަފްޣާނިސްތާނުން އަމާންކަމާއެކު ފޭބުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫން ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އަފްޣާނިސްތާނުގައި ދާއިމީ ޢަސްކަރީ ބޭސްތަކެއް އެމެރިކާ ބިނާނުކުރި ނަމަވެސް ކޮންމެވެސް އެއްސިފައެއްގައި އެެމެރިކާގެ ޢަސްކަރީ ވުޖޫދެއް އަފްޣާނިސްތާނުގައި ބޭއްވުމުގެ ވިސްނުން އެމެރިކާ ގެންގުޅޭ ކަމަށް މުރާސިލުންބުނެއެވެ. މިފަދަ ވާހަކައެއްދައްކަންޖެހޭނީ އެމެރިކާ ސިފައިން ފޭބުމަށްފަހުގައި ކަމަށް ރައީސް ޙާމިދު ކަރުޒާއި ވަނީ ވިދާޅުވެފައެވެ. (އަލްޖަޒީރާ)