19 May 2010, 10:02
14:30
ރ. ދުވާފަރުގައި ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ އެރަށުގެ އެތައް ގެއެއް ގިރައިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ރަށު އޮފީހުން ބުނެފި އެވެ.
ދުވާފަރު ކައުންސިލަރު އިސްމާއިލް އަހުމަދު މިއަދު ވިދާޅުވީ މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި ވެސް އެރަށް ވަރަށް ބޮޑަށް ގިރަން ފެށި ކަމަށް، އެހެންވެ އޭރު ވަގުތީ ހައްލެއްގެ ގޮތުން، ހުޅަނގު ފަރާތުގައި ހިލައާއި ގާ ޖެހި ކަމަށެވެ. އަދި ފަހުން އެކަން ދާއިމީ ކުރަން ޑިޒާސްޓަރ މެނޭޖްމަންޓުން އެ ރަށަށް އެއްޗެއްހި ފޮނުވައިފައި މިހާރު ވެސް އެބަހުރި ކަމަށާއި އެހެން ނަމަވެސް އަދި އެކަމުގެ ޢަމަލީ މަސައްކަތް ނުކުރެވި އޮތީ ބަޖެޓްގެ ތާށިކަމާ ހުރެ ބަޔަކާ ހަވާލުނުކުރެވިގެން ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު އިތުރަށް ވިދާޅުވީ ރަށް ގިރުމަށް ވަގުތީ ހައްލެއް ގެނެސްފައި ވަނިކޮށް އަނެއްކާވެސް މީގެ ދެތިން ދުވަސް ކުރިން ރަށް ގިރަން ފަށައިފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް އެރަށުގެ ހުޅަނގު ފަރާތުން 10 ފޫޓާއި ފަސް ފޫޓާ ގާތްކުރާ ވަރަށް ގިރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ނުފެށި އުޅެނިކޮށް އެ ވަރަށް ގިރަން ފެށުމުން އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުން ޝަކުވާ ކުރަމުންދާ ކަމަށާއި އަދި އެކަމަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ އެ ގެތައް ގިރައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓުން އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
ދުވާފަރަކީ ސުނާމީގައި ހަލާކުވެގެންދިޔަ ރ. ކަނދޮޅުދޫ މީހުން އާބާދުކުރުމަށް ހަދައިފައިވާ ރަށެކެވެ. ހަތަރު ހާސް ތިން ސަތޭކަ މީހުން ދިރިއުޅޭ އެރަށުގައި 400 ގެ އެބަހުރި އެވެ.