ރަހުމަތްރިކަމުގެ ދަތުރެއްގައި ޗައިނާ އިން ރާއްޖެ އަށް އައި އެ ގައުމުގެ ނޭވީގެ ތިން މަނަވަރެއް ރާއްޖެ އިން މިއަދު ފުރައިފި އެވެ.

ފަސް ދުވަހުގެ ދަތުރެއްގައި މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އައި ތިން މަނަވަރީ، ޗައިނީސް ނޭވީގެ ޗެން ޗަން އާއި، ޖިންގް ޒޫ އަދި ޗައޮ ހޫ އެވެ.

އެ ތިން މަނަވަރަކީ ޗައިނާގެ ރައީސް ޒިން ޖިންގްޕިންގުގެ ސުލްހައިގެ އެންވޯއީގެ ދަށުން މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ފެށި މިޝަން އެއްގައި އުޅޭ ތިން މަނަވަރެވެ. އެ މިޝަންގައި ކުރާ ދަތުރުގައި 23 ގައުމަކަށް ގޮސް، އެ ގައުމުގެ އަސްކަރިއްޔާއާ ގުޅިގެން މެރިޓައިމް ތަމްރީންތައް ހިންގާނެ ކަމަށް ޗައިނާ ސަރުކާރުން ބުންޏެވެ.

އެ މަނަވަރުތަކަށް ރާއްޖެ އިން މަރުހަބާ ކިޔާފައި ވަނީ ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމާއި ކޯސްޓްގާޑުގެ އިސްވެރިންނެވެ. އޭގެ އިތުރުން ރާއްޖޭގައި އެކި ކަހަލަ ޕްރޮޖެކްޓްތައް ހިންގާ ޗައިނާގެ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވި އެވެ.

ޕޯޓްގައި ބަނދަރުކުރި މަނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ކާބަފައިންގެ ފަރާތުން އައިސްފައިވާ ގުޅުމެއް ކަމަށާއި އެ ގުޅުން ކުރިއަށް ގެންދަން މުހިއްމު ކަމަށެވެ.

އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުތައް ކަން ފާހަގަކޮށް ކާނަލް އިބްރާހިމް ވިދާޅުވީ، އެކަންތައްތަކުން އަރައި ގަތުމަށް ޗައިނާއާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމުގެ އަގު ވަޒަން ކުރާ ކަމަށެވެ.