ސިއްހީ ހާލުކޮޅު ދެރަވެ، އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޖަލު ހުކުމް ގޭ ބަންދުގައި ހުރެގެން ތަންފީޒު ކުރަންޖެހޭ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ތިން އަހަރާއި ދެ މަހަލާއި 12 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމްގެ ޖަލު ހުކުމް ގޭގައި ހުންނަވައިގެން ތަންފީޒު ކުރަންޖެގޭ ގޮތަށް ބަދަލު ކުރިކަން ކަރެކްޝަނަލް ސާވިސްއިން "ސަން"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން"އަށް މިރޭ ވިދާޅުވީ ގާސިމްގެ ޖަލު ހުކުމް، ގޭގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ބަދަލު ކުރީ އެމަނިކުފާނުގެ ސިއްހީހާލުކޮޅު މިވަގުތު ހުރި ގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނަނީ ހުކުމް ތަންފީޒު ނުކުރެވޭ ފަދަ ބައްޔެއް ގައިދީއެއްގެ ގައިގައި ހުރެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

ލުގުމާން ވިދާޅުވި ގޮތުގައި ގާސިމް އިބްރާހިމް މިވަގުތު އޮންނެވީ ހޮސްޕިޓަލުގައި ކަމަށާއި ހޮސްޕިޓަލުން ދޫކޮށްލެއްވިނަމަވެސް ގޭގައި ވެސް ހުކުމް ތަންފީޒު ކުރެއްވޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު ސަމީރު "ސަން"އަށް މިރޭ ވިދާޅުވީ ގޭ ބަންދުގައި ތިބޭ ގައިދީންނަށް ލިބޭ އިމްތިޔާޒުތަކެއް ގާސިމަށް މިހާރު ލިބިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެއްވެސް ހުރަހެއް ނެތި އާއިލާއިން ގާސިމަށް ދޭންޖެހޭ ރައްކާތެރިކަމާއި އަޅާލުން ދެވޭ ކަމަށާއި ބޭނުންބޭފުޅަކާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގާސިމް އޮންނަވާ ކޮޓަރިކޮޅުގެ ބޭރުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ފޯރިމަރަމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމްގެ ހުކުމް ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންގެ ލިޔުމުގައި ނެތް ކަމަށެވެ.

ގާސިމް ޖަލަށްލުމަށް ކުރި ހުކުމުގައި އެމަނިކުފާނަށް ރާއްޖެއިން ބޭރުން ދޭންޖެހޭ ބޭސްފަރުވާގެ ކަންކަން ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައި ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެގެންދާއިރު ވެސް ސަރުކާރުން ކޯޓުގެ ނިންމުމަށް އަމަލުކޮށްފަ ނުވެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ގާސިމް ރާއްޖެއިން ބޭރުންފަރުވާ ދިނުމަށް ކުރި އަމުރު އިސްތިއުނާފުކޮށްފަ އެވެ.