31 Aug 2017, 00:26
ގަތަރުގެ ޗެމްޕިއަން އަލް ދުހައިލް އެސްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖޭގެ ގައުމީ ޓީމު ހަނި ތަފާތަކުން ބަލިވެއްޖެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިފެށޭ މަހުގެ ފަސްވަނަ ދުވަހު އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕް ކުރަމުންދާ ރާއްޖޭގެ ޓީމު މިރޭ ކުޅުނު މެޗުގައި އަލް ދުހައިލް އަތުން ބަލިވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ގައުމީ ޓީމާއި ގަތަރުގެ ޗެމްޕިއަން އަލް ދުހައިލް އެސްސީ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ ބަލިވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް
އެ މެޗުގެ ފުރަތަމަ 11ގައި ދުވަސްތަކަކަށްފަހު ގައުމީ ޓީމުން ފުރުސަތު ދިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިފައެއް ނުވެއެވެ. ނަމަވެސް ގަތަރުގައި ކުރިއަށްގެންދާ ޓްރޭނިންތަކުގައި ދަގަނޑޭ ދަނީ ބައިވެރިވަމުންނެވެ.
މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ 11ގައި ހިމެނިފައިވަނީ ކެޕްޓަން އަޝްއަދު އަލީ (އަޑުބަރޭ)، ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަމްދާން އަލީ (އެންޑީ)، ޝާފިއު އަހްމަދު (ޝާފީ)، އަހްމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ (އަކޫ)، މުހައްމަދު އިރުފާން (އިރޭ)، މުހައްމަދު އުމައިރު، މުހައްމަދު ރަޝީދު (ހޮކޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)އެވެ.

ގަތަރުގެ ޗެމްޕިއަން އަލް ދުހައިލް އެސްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ނުކުތް ރާއްޖޭގެ ފުރަތަމަ 11: އެ މެޗުން ރާއްޖެ ބަލިވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް
އޮމާން މެޗަށް ކޯޗު ޑެރަން ސްޓެވާޓް ނެގި ގައުމީ ސްކޮޑުގައި އެންމެ ގިނައިން ހިމެނެނީ ނިއުއާއި މާޒިޔާގެ ކުޅުންތެރިންނެވެ. ނިއުގެ ނުވަ ކުޅުންތެރިޔަކު ހިމަނާފައިވާއިރު، މާޒިޔާގެ ހަ ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައިވެއެވެ. އަނިޔާގެ ސަބަބުން މާޒިޔާ ސްޕޯޓްސް ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ސްކޮޑުން ބާކީކޮށްފައެވެ.
ގައުމީ ސްކޮޑުގައި މާޒިޔާ އަދި ނިއުގެ ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިޔަކާއި ކްލަބު ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިޔަކާއި ގދ. ތިނަދޫގެ ދެ ކުޅުންތެރިއެއް އަދި ށ. މިލަންދޫގެ ގޯލްކީޕަރެވެ.
އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:
ނިއު ރޭޑިއަންޓް
މުހައްމަދު ފައިސަލް - ގޯލްކީޕަރު
- އަޝްފާގު އަލީ (ދަގަނޑޭ)
- މުހައްމަދު ރަޝީދު (ހޮކޭ)
- އަހްމަދު އަބްދުﷲ (ލިލީ)
- އަލީ ފާސިރު (ސެންޓޭ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- އަކްރަމް އަބްދުލްގަނީ (އަކޫ)
- ރިލްވާން ވަހީދު (ރިލޭ)
- އަބްދުﷲ ޒިޔަޒަން – ގޯލްކީޕަރު
މާޒިޔާ
އަމްދާން އަލީ (އެންޑީ)
- ސަމޫހު އަލީ (ސަމުއްޓޭ)
- އަޝްއަދު އަލީ (އަޑުބަރޭ)
- މުހައްމަދު އުމައިރު
- އިސްމާއިލް އީސާ (މެސީ)
- މުހައްމަދު އިރުފާން (އިރޭ)
ގްރީން ސްޓްރީޓްސް
ޝާފިއު އަހްމަދު (ޝާފީ)
- އަހްމަދު ރަޝީދު (އައްމަޑޭ)
ޓީސީ
އަހްމަދު ޒާދު
- ހަސަން ނާއިޒް (ދާދު)
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
ތިނަދޫ
އިމްރާން ނަޝީދު
- އަހްމަދު ރިޒުވާން
މިލަންދޫ
މުހައްމަދު އިމްރާން - ގޯލްކީޕަރު