31 Aug 2017, 00:17
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ ބަންދުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށް އެދި ފާރިސްގެ ވަކީލު މައުމޫނު ހަމީދު ހައިކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.
ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރީ 23 ޖުލައިގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ މިހާރު ހަތަރު ހަފްތާވެއްޖެ އެވެ.
މައުމޫނު ހަމީދު މިއަދު ހައިކޯޓަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފާރިސް މައުމޫނުގެ ބަނދުގެ މައްސަލަ އިސް ފަނޑީޔާރުގެ ބިއުރޯއަށް އެއްވެސް ސަބަބެއް އެނގުމަކާ ނުލައި ނަންގަވާފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އެ މައްސަލާގައި ކުރިން މައްސަލަ ބައްލަވަން ތިއްބެވިން އެއްވެސް ފަނޑިޔާރަކު ތަނާޒުލުވެ ވަޑައިގެންފައި ނުވާ ކަމަށާއި އަދި މައްސަލަ އިސް ފަނޑިޔާރު ބިއުރޯއަށް ނަންގަވަން ޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ވެސް ނެތް ކަމަށް މައުމޫނު ހަމީދު ވިދާޅުވެފައިވެ އެވެ.
ބަންދުގެ މައްސަލަތަކަކީ މީގެކުރިން ވެސް ހައިކޯޓުން އެންމެ އަވަހަށް ނިންމާ މައްސަލަތައްކަން ފާހަގަ ކުރައްވައި މައުމޫނު ހަމީދު ވިދާޅުވެފައި ވަނީ ފާރިސް މައުމޫނުގެ މައްސަލަ މިއަދުން މިއަދަށް ނިންމަން ޖެހޭ ކަމަށެވެ.
"މިފަދަ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ފަރާތުން މީގެކުރިން އިސްތިއުނާފުކޮށްފައިވާ މައްސަލަތަކުގައި ރަސްމީ ގާޑީގެ ބޭރުންނާއި ރަސްމީ ބަންދު ދުވަސްތަކުގައިވެސް ހައިކޯޓުން ޝަރީއަތް ހިންގަވާ ހުކުމް ކުރައްވާފައިވޭ،" މައުމޫނު ހަމީދު ހައިކޯޓަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކުރިއަށް އޮތީ އަޟްހާ އީދު ބަންދު ކަމުން ބަންދު ތެރޭގައިވެސް ފާރިސް މައުމޫނު ގާނޫނާ ހިލާފު ބަންދެއްގައި ހުންނަން ޖެހުނީ ގާނޫނީ ހަމައެއް ނެތި މައްސަލަ ހުއްޓުވާފައި އޮތުމުން ކަމަށް މައުމޫނު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
މިރޭގެ ވަގުތެއްގައި ވެސް މައްސަލަ ތާވަލުކޮށްދިނުމަށް މައުމޫނު ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.
ފާރިސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު އެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.