ޓޮޓެންހަމް ހޮޓްސްޕާއިން އާޖެންޓީނާ ޑިފެންޑަރު ހުއާން ފޮޔީތުގެ ސޮއި ހޯދައިފި އެވެ.

އާޖެންޓީނާގެ އެސްޓުޑިއަންޓޭސްއަށް ކުޅެމުންދިޔަ އުމުރުން 19 އަހަރުގެ ޑިފެންޑަރު ފޮޔީތަކީ މިހާރު ކުރިއަށްދާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ޓޮޓެންހަމްއަށް ސޮއިކުރި ތިންވަނަ ކުޅުންތެރިޔާއެވެ.

މި ސީޒަނުގައި ޓޮޓެންހަމްއަށް ފޮޔީތު ގެނައުމަށް އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އޭނާގެ ސޮއި ހޯދުމަށް ލަސްތަކެއް ކުރިމަތި ވެފައިވެއެވެ. ޓޮޓެންހަމްއަށް އޭނާ ވިއްކާލުމަށް އެސްޓުޑިއަންޓޭސްގެ ރައީސް އަދި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ހުއާން ސެބަސްޓިއަން ވެރޯން ލަންޑަނަށް ދަތުރުކޮށްފައިވެ އެވެ.

ފޮޔީތުގެ ޓްރާންސްފާގެ މަޝްވަރާތައް ޓޮޓެންހަމްއިން ކުރިއަށް ގެންދިޔައިރު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން ވެސް އޭނާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޕީއެސްޖީން ފޮޔީތު ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންދަން ފެށުމުން ޓޮޓެންހަމްއާ އޭނާ ނުގުޅޭނެ ކަމަށް ވެސް ކުރިން ހަބަރުތައް ފެތުރިފައިވެއެވެ.

ޓޮޓެންހަމަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފޮޔީތު ގުޅިފައިވާކަން މިހާރު އެ ކްލަބުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ޓޮޓެންހަމްއާ ފޮޔީތު ގުޅުނު އަގެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

"އެސްޓުޑިއަންޓޭސްގެ ހުއާން ފޮޔީތުގެ ސޮއި ހޯދިފައިވާކަން އުފަލާއެކު އިއުލާން ކުރަން. އުމުރުން 19 އަހަރުގެ ޑިފެންޑަރު މި ކްލަބަށް ސޮއި ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް. އެސްޓުޑިއަންޓޭސްގެ ފުރަތަމަ ޓީމަށް ކުޅުމުގެ އިތުރުން ފޮޔީތު ވަނީ 12 ފަހަރު އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅެފައި. އޭނާ ވަނީ 2017ގެ 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕް އަދި 20 އަހަރުން ދަށުގެ އެމެރިކަން ޗެމްޕިއަންޝިޕްގައި އާޖެންޓީނާ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައި،" ޓޮޓެންހަމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.