ބެއިޖިން (އޮގަސްޓް 30): ޑޮކްލާމް ހާދިސާއިން އިންޑިއާ އިބުރަތް ހާސިލުކޮށް، މުސްތަގުބަލުގައި އެފަދަ ހާދިސާއެއް ހިނގުން ހުއްޓުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވެއްޖެ އެވެ.

ޑޮކްލާމް އަކީ އިންޑިއާގެ ބޯޑަރު ކައިރީ އޮންނަ އަދި ޗައިނާ އާއި ބޫޓާނާ ދެމެދު މިލްކުވެރިކަމާ ބެހޭ ގޮތުން ދެބަސްވުންތައް އުފެދިފައިވާ ސަރަހައްދެކެވެ.

ޑޮކްލާމާ ބެހޭ ގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ޗައިނާ އާއި އިންޑިއާއާ ދެމެދު ދެބަސްވުންތައް އުފެދުނީ ޑޮކްލާމްގައި ޗައިނާ އިން މަގެއް ހަދަން ފެށުމުން އިންޑިއާ ސިފައިން އެކަމަށް ހުރަސް އެޅުމުންނެވެ. އިންޑިއާ އިން އެފަދައިން އަމަލު ކުރީ ބޫޓާނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އިންޑިއާއިން ބުނެ އެވެ.

އޭގެ ސަބަބުން އިންޑިއާ އާއި ޗައިނާ އިން ވަނީ އެސަރަހައްދަށް ސިފައިން ފޮނުވައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ަޗައިނާ އިން އިންޑިއާއާ ދެކޮޅަށް ހަނގުރާމައެއް ނުފަށާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމުގެ ޗައިނާ އިން ވަނީ ދީފަ އެވެ.

އެމައްސަލަ ގާތްގަނޑަކަށް ތިން މަސް ވަންދެން ހޫނުވެފައި އޮތުމަށް ފަހު، ދެ ގައުމުގެ ސިފައިން ޑޮކްލާމްއިން ފަހަތަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުގަ އެވެ. ޗައިނާ އިން ބުނާ ގޮތުގައި އެއީ އެ ގައުމަށް ލިބުނު ކާމިޔާބީއެކެވެ. ނަމަވެސް ޑޮކްލާމްގައި ހަދަން ނިންމި މަގުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެގައުމުން ބުނެފައެއް ނުވެ އެވެ.

ޑޮކްލާމްގެ ހާދިސާއާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓަރު ވާހަކަ ދެއްކެވީ ދުނިޔޭގައި ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އިގުތިސާދުތައް ކަމަށްވާ ބްރެޒިލް، އިންޑިއާ، ޗައިނާ، ރަޝިއާ އަދި ދެކުނު އެފްރިކާ އިން ކޮންމެ އަހަރަކު ބާއްވާ ބްރިކްސް ސަމިޓާ ދިމާކޮށް ޗައިނާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވަންގް ޔީ ވިދާޅުވި ގޮތުގައި އަވަށްޓެރި، ބޮޑު ދެގައުމެއްގެ މެދުގައި ދެބަސްވުންތައް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭގައި މުހިއްމު ކަމަކީ ދެ ފަރާތުގެ ލީޑަރުން އެއްބަސްވުމަކަށް އައިސް، އެއަށް ދެ ފަރާތުން ވެސް އިހުތިރާމްކޮށް މައްސަލަ ހައްލު ކުރުމެވެ.

"ޗައިނާ އާއި އިންޑިއާއާ ދެމެދު އެއްކޮށް މަސައްކަތް ކުރުމުގެ ބޮޑު ފުރުސަތެއް އެބަ އޮތް. އަޅުގަނޑުމެން އުއްމީދު ކުރަނީ (ޑޮކްލާމް) ހާދިސާއިން އެ ގައުމުން އިބުރަތް ހާސިލުކޮށް، މުސްތަގުބަލުގައި އެފަދަ ކަމެއް ވުން ހުއްޓުވާނެ ކަމަށް،" މިނިސްޓަރު ވަންގް ވިދާޅުވި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދި ހިންދޫގައިވާ ގޮތުން ޗައިނާއިން ޑޮކްލާމުގައި އަނެއްކާ ވެސް މަގު ހަދަން ފައްޓާނަންތޯ ކުރި ސުވާލަށް ވަންގް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

މިއަހަރު ޗައިނާގައި ބާއްވާ ބްރިކްސް ސަމިޓުގައި ބައިވެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހަފްތާ ތެރޭގައި އެގައުމަށް ވަޑައިގަންނަވާނެ އެވެ.