ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް ހުތުރުވާ ގޮތަށް ދެއްކި ވާހަކައެއް ޕީއެސްއެމުން ބްރޯޑްކާސްޓް ކުރުމުން ކުރި ޖޫރިމަނާ އެ ކޯޕަރޭޝަނުން ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބްރޯޑްކާސްޓްކޮށްފައި ވާތީ، އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ 200،000 ރުފިޔާއިންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ފައިސާ ޕީއެސްއެމުން ދައްކާފައި ވަނީ މިއަދު ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ ބަލައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އުމަރު އަބުރާ ބެހި ފަލާހު ދެއްކެވި ވާހަކަފުޅު މެދުކަޑާނުލާ އެ އިވެންޓް ޓީވީއެމުން ފޮނުވާފައިވާ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައަށް އެ ޕީއެސްއެމުން އިއުތިރާފު ވެފައިވާ ކަމަށެވެ.

އުމަރު ނަސީރު ޗެނަލް 13 އަދި ޓީވީއެމްއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ އޭނާގެ އަބުރަށް އަރައިގެންފައި ކަމަށާއި އެމަންޒަރު އަޑާއެކު ޓީވީއެމް އާއި ޗެނަލް 13 އިން ރޭ ލައިވްކޮށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޗެނަލް 13 ގެ މައްސަލާގައި ބްރޯޑްކާސްޓިންގް ކޮމިޝަނުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.