30 Aug 2017, 20:42
އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އިޝާރާތުން ވާހަކަ ދެއްކުމުގެ ހިދުމަތް ދޭ ރާއްޖޭގެ ފުރަތަމަ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ވެއްޖެއެވެ.
އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެފަރާތްތަކަށް ހާއްސަކޮށްފައިވާ ޑެސްކް އިފްތިތިތާހު ކުރުމަށް އައިޖީއެމްއެޗުގެ އޯކިޑް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
ދޮށީ އުމުރުގެ މުސްކުޅިންނާއި ޙާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ހާއްސަ ޑެސްކެއް އައިޖީއެމްއެޗުގައި މިހާރު ވެސް ގާއިމުކޮށްފައިވެ އެވެ. މިއަދު ތައާރަފްކުރި ޑެސްކަކީ އެއަށް އިތުރުވި ބޮޅެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
IGMH is glad to introduce Sign Language Interpreter Service inaugurated by Minister of Gender & Family Zeneesha Shaheed Zaki@Min_Genderpic.twitter.com/v8YTXvskdK
— IGMH (@igmhmv)August 30, 2017
އެ ރަސްމިއްޔާތުގައި "ސަން"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްޗްގެ ޕަބްލިކް ރިލޭޝަނާއި މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ އަޑުއިވުމުން މަހުރޫމުވެފައިވާ މީހުން އައިޖީއެމްއެޗަށް ގޮސް ހިދުމަތް ހޯދުމުގައި މީގެ ކުރިން އުނދަގޫތައް ކުރިމަތިވި ކަމަށާއި ނަމަވެސް މިހާރު އެފަދަ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

" ބޭސިކް ސައިން ލެންގްއޭޖް " ކޯސް ފުރިހަމަކުރި ބޭފުޅަކަށް ޖެންޑާ މިނިސްތަރު ޒެނީޝާ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ--ފޮޓޯ: ޓުވިޓާ
އައިޖީއެމްއެޗަކީ ރާއްޖޭގެ ހުރިހާ ފަންތިއެއްގެ މީހުން ހިދުމަތްހޯދާ ތަނަކަށް ވާތީވެ އައިޖީއެމްއެޗްގެ އަމާޒަކީ ހިދުމަތްތައް ބައްޓަން ކުރުމުގައި ހުރިހާ ލެވެލްއެއްގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ އިންތިޒާމު ގާއިމު ކުރުން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ހާއްސާ އެހީއަށް ބޭނުންވާ ފަރާތްތަަކަށް ހާއްސަކޮށްގެން މުސްތަގުބަލުގައި ވެސް ގިނަގުނަ އެހެން ހިދުމަތްތައް ތައާރަފް ކުރާނެ ކަމަށެވެ.
އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އައިޖީއެމްއެޗްގެ 21 މުވައްޒަފަކު ވަނީ ސައިން ލެންގްއޭޖް ކޯސް ފުރިހަމަކޮށްފަ އެވެ.
މި މަހުގެ އަށަކުން އެކާވީހަށް އައިޖީއެމްއެޗްގެ ނެޝަނަލް ހެލްތު ކެއާ އެކަޑަމީން ކުރިއަށް ގެންދިޔަ "ބޭސިކް ސައިން ލެންގްއޭޖް" ކޯހުގައި އައިޖީއެމްއެޗްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވިއެވެ.

އެ ކޯސް ނިންމި މުވައްޒަފުންނަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.
އައިޖީއެމްއެޗްގެ އޯކިޑް ހޯލުގައި މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ހުރިހާ ދާއިތާތަކެއްގައި ބައިވެރިވުމަށް މަގުފަހިކުރުމަކީ މުޅި ގައުމުގެ ތަރައްގީއަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.
އައިޖީއެމްއެޗުން ދެއްކި މިސާލު ބަލައިގެން ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް އެފަދަ ޕްރޮގްރާމުތައް މުސްތަގުބަލުގައި ހިންގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޒެނީޝާ ވިދާޅުވިއެވެ.
ތޭރަ ދުވަހަގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި ކިޔަވައި ދިނީ ސައިން ލެންގުއޭޖްގެ ސެޓްފިކެޓް ހާސިލްކޮށްފައި ތިބި ބޭފުޅުންނާއި އަދި ރާއްޖޭގެ ބައެއް އެންޖީއޯތަކުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މިއަދު ނިންމި ސައިން ލެންގުއޭޖްގެ ބޭސިކް ކޯސް ފުރިހަމަކުރި މުވައްޒަފުންނަށް ޖޭންޑާ މިނިސްޓްރީން މި އަހަރުގެ ސެޕްޓެމްބަރުމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޑްވާންސް ސައިން ލެންގުއޭޖް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.