30 Aug 2017, 18:44
ސިއްރިއްޔާތުގައި ސަރުކާރާއެކު ހަދާނެ އިތުރު ޑީލުތަކެއް ނެތް ކަމަށާއި އިދިކޮޅު ޕާޓީތަކާ ގުޅުން ކެނޑޭގޮތަށް ޑީލެއް ނަހަދާނެ ކަަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަމީރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިބީ އިހުލާސްތެރިކަމާއެކު ތެދުވެރިކަންމަތީގައި ރައްޔިތުންނަށްޓަކާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން މިހާރު މަސައްކުރަމުން ގެންދަނީ އިދިކޮޅު ޕާޓީތަކުގެ ގުޅުން ހީނަރުކުރުމަށްޓަކާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ކަމަށް އޭނާ ތުހުމަތު ކުރައްވާފައެވެ.
"އަޅުނގަޑުމެންނެއް އިތުރު ޑީލްތަކެއް ހަދައިގެން ހަތަރު ޕާޓީގެ ގުޅުން ކެނޑިގެންދާ ގޮތަކަށް ސިއްރިއްޔާތުގައި ސަރުކާރާއެކުގައި ކުރާނެ ކަމެއް ނޯންނާނެ. ހުރިހާ ޕާޓީތަކެއް ވެސް މިތިބީ ވަރަށް އިހްލާސްތެރިކަމާއެކުގައި ތެދުވެރިކަމާއެކުގައި ރައްޔިތުންނަށް ހެޔޮ މިންވަރަށް ކަންތައްތައް ކޮށްދިނުމުގައި،" ސަމީރު ވިދާޅުވިއެވެ.
ސަމީރު އެގޮތަށް ވިދާޅުވެފައި މި ވަނީ، ޝަރުތަކާ ނުލައި މަޝްވަރާތަކުގައި ބައިވެރިވާން ސަރުކާރުން ސިޔާސީ ޕާޓީތަކަށް މިއަދު ދައުވަތު ދީފައިވާ ކަމަށް ސިޔާސީ ޕާޓީތަކުގެ މަސްވަރާއަށް ކަނޑައަޅުއްވާފައިވާ ޗީފް ނެގޯޝިއޭޓަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވަނިކޮށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވިދާޅުވީ، މިދުވަސްވަރަކީ އިދިކޮޅު ފަރާތްތަކުން އިސްލާހީ ގިނަ ވާހަކަތަކެއް ދައްކާ ދަނޑިވަޅަކަށްވުމުން އަނެއްކާވެސް ޕާޓީތަކުގެ މަސްވަރާއަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ.
އެގޮތުން މިފަހަރުގެ މަޝްވަރާތަކަށް އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ދައުވަތު ވަނީ ދެއްވާފައެވެ.
ކުރިން ވެސް އެކިފަހަރު މަތިން އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާ ކުރަންކުރިކަން ފާހަގަކޮށް ޝައިނީ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް މަޝްވަރާތައް ކުރިއަށް ނުގެންދެވެނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ޝަރުތުތަކުގެ ސަބަބުން ކަމަށެވެ.
ނަމަވެސް މިފަހަރު އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކަންތައްތައް ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނާ މަޝްވަރާ ކުރުމަށްފަހު "އީޖާބީ މަސައްކަތްތަކެއް" ފަށާނެ ކަމަށް ސަރުކާރުން ބުންޏެވެ.