31 Aug 2017, 10:51
ކަނޑު ދަތުރުފަތުރަކީ ދިވެހީންނަށް އެއާނުލައި ނޫޅެވޭނެ ކަމެކެވެ. މިއީ އެއް ގައުމެއް، ނަމަވެސް މުޅި ގައުމު އުފެދިވައި މިވަނީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށެެވެ. ރަށްތައް ވަށާލެވިފައި ވަނީ މާސިންގާ ކަނޑެވެ. އެހެންކަމުން އެންމެ ކުރީޒަމާނުއްސުރެން ދާދި ފަހަކާ ޖެހެންދެން އެއްތަނުން އަނެއް ތަނަށް ދިއުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އިރެއްގަ އެކަން އެގޮތަށް އޮތަސް މިހާރު އެކަން މިވަނީ ބަދަލުވެފައެވެ.
ދިވެހި ސަރުކާރުން 1980 ވަނަ އަހަރު އުފެއްދި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ފުޅާކޮށް ހަރުދަނާ ކުރުމެވެ. އެ ކުންފުނީގެ މަގުސަދު ހާސިލް ކުރަމުން އަންނަތަން މިދަނީ ސާފުކޮށް ފެންނަމުންނެވެ. ވޭތުވެދިޔަ 37 އަހަރު ދުވަހު އެމްޓީސީސީގެ ހިދުމަތް އަންނަނީ ފުޅާވަމުން ކުރިއަރަމުންނެވެ.
ޖޫން 25، 2015: އެމްޓީސީސީ އިން ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް ޒަމާނީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު
އެމްޓީސީސީން ދޭ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ވޭތުވެ ދިޔަ އަހަރު 16.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހުޅުމާލެ ޔޫތު ސިޓީގައި ބޭނުންކުރާ ބަސްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން 4.2 މިލިއަންރުފިޔާގެ އިންވެސްޓްމެންޓެއްކޮށް، ޒަމާނީ ފެންވަރުގެ ދެ ބަސް ގެނެސް، ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުފަތުރުގެ ނިޒާމް ފުރިހަމަކޮށް އާންމުންނަށް ހިތްހަމަ ޖެހުމާއެކު ދަތުރުކުރެވޭނެ ނިޒާމް ގާއިމްކޮށްދިނުމަށް 12.2 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއްކޮށް ދެ އެއާ ކޮންޑިޝަން ފެރީ (ޕްރިމިއަމް ލިންކް) ގެނެސް ހިދުމަތް ދޭން ފަށާފައި ވަނީވެސް ވޭތުވެދިޔަ އަހަރުގައެވެ.
މާޗް، 4، 2016: އެމްޓީސީސީގެ "ޕްރިމިއަމް ލިންކް" ގެ ނަމުގައި މާލެއާ ހުޅުމާލެއާ ދެމެދު އޭސީ ފެރީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
އެމްޓީސީސީއިން ހުޅުލެއާއި ހުޅުމާލެއާ ދެމެދުގެ ދަތުރުތަށް އިތުރަށް ފުޅާކުރުމަށް ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު ވޮލްވޯ ލަގްޒަރީ ބަހުގެ ދެބަސް ގެނެސް ހިދުމަތް ދޭން ފެށުމުން ގަޑިއަކު އެއްފަހަރު ދެމުން އައި ހިދުމަތް ގަޑިއަކު ދެފަހަރަށް ބަދަލުވެގެން ދިޔައެވެ. މީގެ އިތުރުން މި އަހަރުގެ އޭޕްރިލް މަހު ޕްރައިވެޓް ހަޔަރގެ ނަމުގައި އާންމުންނަށް ދެމުން ގެންދިޔަ ހިދުމަތް ރަނގަޅު ކުރުމަށް އިތުރު ވެހިކަލްތަށް ގެނެސް އެ ހިދުމަތްވެސް ވަނީ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީފައެވެ.
ހުޅުމާލެ އަށް އަލަށް ގެނައި ބަސް އަދި ޕްރައިވެޓް ހަޔާގެ ހިދުމަތް ދިނުމަށް ގެނައި އުޅަނދުތަށް--
އެމްޓީސީސީގެ ހިދުމަތަކީ ހަމައެކަނި މާލެއަށް ނުވަތަ މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ދޭ ހިދުމަތެއް ނޫނެވެ. އެމްޓީސީސީ އަކީ ހިދުމަތް ދިނުމުގައި މުޅި ރާއްޖެ ހިމެނޭ ގޮތަށް ހިދުމަތްތަށް ދެމުން، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މާލެ ސަރަހައްދަށް ދެމުންގެންދާ ދަތުރު ފަތުރުގެ ހިދުމަތް ފުޅާކުރުމުގެ އިތުރުން އެމްޓީސީސީން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދަކަށް ފެރީގެ ހިތުމަތް ދެމުންނެވެ.
ޒޯން ތިނެއްގައި ހިމެނޭ ކ، ވ، އއ، އދ، އަތޮޅުތަކުން ފެށި ފެރީގެ ހިދުމަތް 2015 ވަނަ އަހަރުގައި ވަނީ ޒޯން ފަހެއްގައި ހިމެނޭ ތ، އަދި ލ އަތޮޅުގެ ރަށްތަކަށް ފުޅާކޮށްފައެވެ. އަދި ވޭތުވެ ދިޔަ އަހަރުގައި ފެރީގެ ހިދުމަތްވަނީ ޒޯން އެކެއް، ދޭއް އަދި ޒޯން ހައެއް ހިމެނޭ ހދ، ހއ، ށ، ނ، ރ، ބ، ޅ، ގއ، ގދ ގެ އަތޮޅުތަކަށް ވެސް ފުޅާކޮށްފައެވެ.

އެމްޓީސީސީން ދާދިފަހުން ތައާރަފްކުރި ޑަބަލްޑެކް ފެރީ: އެ ކުންފުނިން ވަނީ ތ. އަތޮޅާއި ލ. އަތޮޅަށް ފެރީގެ ހިދުމަތް ފަށާފައި --- ސަން ފައިލް ފޮޓޯ
ދިވެހީން ޒަމާނުއްސުރެން ތަހައްމަލުކުރަމުން އައި ދަތުރުފަތުރު ކުރުމުގެ ދަތިކަން ހައްލުކޮށް ދިނުމަށް އެމްޓީސީސީ ދަނީ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. އަދި މިއަދު އެ ކުންފުނީގެ ހިދުމަތް ރާއްޖެގެ ގިނަބަޔަކު ބޭނުންކުރަމުންދާކަން ފާހަގަކުރާން ޖެހެއެވެ.
ވޭތުވެދިޔަ އަހަރު މާލެއާ ހުޅުމާލެއާ ދެމެދު 22830 ފެރީގެ ދަތުރުތަށްކޮށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 36800 މީހަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދީފައި ވެއެވެ. މީގެ އިތުރުން ދުވާލެއްގެ ބަހުގެ 1650 ދަތުރުކޮށްފައި ވާއިރު އެއީ ދުވާލެއްގެ މައްޗަށް 5184 މީހުންނަށް ޚިދުމަތް ދެވޭވަރުގެ ޖާގައެވެ.
ވޭތުވެދިޔަ މުޅި އަހަރަށް ބަލާއިރު އެމްޓީސީސީގެ ޓްރާންސްޕޯޓްގެ ހިދުމަތް ދުވާލެއްގެ މައްޗަށް 47000 މީހުންބޭނުންކޮށްފައި ވާކަމަށް ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އަހަރު ދުވަހަށް ބަލާނަމަ އެ ކުންފުނީގެ ޚިދުމަތް ހޯދި މީހުންގެ ޖުމްލަ އަދަދު 17 މިލިއަނަށް އަރައެވެ. މި އަދަދަކީ 2015 ވަނަ އަހަރާ އަޅާބަލާއިރު 11.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި 2013 ވަނަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓް އިތުރު އަދަދެކެވެ.
ދަތުރުފަތުރުގެ ނިޒާމް ބެލެހެއްޓުމުގެ އިތުރުން އެމްޓީސީސީއަކީ ބަނދަރުހެދުމާއި، ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި، ކަނޑުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގައި ރާއްޖޭގެ އެންމެ ބޮޑު ކުންފުންޏެވެ. އޭގެއިތުރުން އޮޑިދޯނިފަހަރު ބަނުމާއި ދުއްވުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދިނުމާއި، ގެދޮރު ޢިމާރާތްކުރުމުގެ މަސައްކަތުގައިވެސް އެމްޓީސީސީއަކީ ފާހަގަކުރެވޭ ކާމިޔާބު ކުންފުންޏެކެވެ.
އެމްޓީސީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައި ވާގޮތުން، މާލެ-ހުޅުމާލެ ބްރިޖް ނިމުމާއެކު އެ ކުންފުނިން އިތުރު ބަސްތައް ގެނެސް ބަހުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް ފުޅާކުރާނެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އުޅަނދުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޒަމާނި ފެންވަރުގެ ހައިސްޕީޑް ފެރީތަކެއް ގެނެސް އޭގެ ޚިދުމަށް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.