30 Aug 2017, 22:31
ރާއްޖެ އާއި އދ.އާ ގުޅިގެން ހާސިލް ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ހިމެނޭ ޔޫއެން ޑެވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވޯކް (އުންޑާފް)ގެ ދަށުން ޖެންޑާ މިނިސްޓްރީން ހާސިލްކުރަން ޖެހޭ ކަންތައްތައް ހާސިލްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިދިޔަ އަހަރުން ފެށިގެން 2020 އާ ހަމައަށް އެކުލަވާލާފައިވާ އުންޑާފަކީ މައިގަނޑު ހަތަރު ފިޔަވައްސަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ފްރޭމް ވޯކެކެވެ. އެ ފްރޭމްވޯކުގެ ދަށުން މިއަދު ސޮއިކުރީ ދެވަނަ ފިޔަވަހީގެ ދަށުން އެކުލަވާލާފައިވާ ވޯކްްޕުލޭންގައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ ޕްލޭނަކީ ދެ ޖިންސުގެ މީހުންނާއި ކުދިން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅެ، އެމީހުންގެ ކުރިމަގާމެދު އަމިއްލައަށް ގޮތް ކަނޑައެޅުމުގެ އިހްތިޔާރު ލިބިދީފައިވާ ބަޔަކަށް ހެދުމަށްޓަކާ ދިވެހި ސަރުކާރާއި އދ. ގުޅިގެން ނަތީޖާ ހާސިލްކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތްކުރުމަށްޓަކާ އެކުލަވާލެވިފައިވާ ޖޮއިންޓް ވޯކްޕުލޭނެއް ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތް ދެ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އެ ވޯކްޕުލޭންގެ އަމާޒަކީ މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުމެވެ. އެ އަމާޒުގެ ދަށުން މިންތީގެ ހަމަހަމަކަން އުފައްދައި، އިޖުތިމާއީ، އިގުތިސާދީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނެކޭ އެއްހަމަ ފުރުސަަތުތަކެއް ހޯދުމަށް އަންހެނުން ބާރުވެރި ކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވޯކްޕުލޭންގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެސިޑެންޓް ކޯޑިނޭޓަރު މިސް ޝޯކޯ ނޯޑާއެވެ.
އުންޑާފުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އދ. އިން ސޮއިކުރީ ކުރީގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އަދި މިހާރުގެ އޭޖީ އޮފީހާއެކުގައެވެ.
އެ ފްރޭމްވޯކް އެކުލަވާލާފައި ވަނީ ދިވެހި ސަރުކާރުގެ ގައުމީ ސިޔާސަތުތަކާއި ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކުން ލާޒިމުކުރާ ކަންތައްތައް ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީކުރެވި، އެކަންކަން ހާސިލުކުރެވޭގޮތަށް ރާއްޖެއަށް އަމާޒުކޮށްގެން އަދި ވަކިން ހާއްސަ ގޮތެއްގައި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރެވޭގޮތަށެވެ.