އިންޓަނޭޝަނަލް ބްރޭކަށް ފަހު، އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން 10 ސެޕްޓެމްބަރުގައި ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް މީގެ ކުރިން ފެށުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރ މަހުގެ ނުވައެއް ވާ ހޮނިހިރު ދުވަހު އެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދު ކަނޑާލީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރާ މެޗަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފަހެއް ސެޕްޓެމްބަރުގައި އޮމާންގައެވެ.

މި މެޗަށް މިހާރު ގައުމީ ޓީމު ފުރާފައިވާއިރު، މެޗަށް ތައްޔާރުވުމަށް ގައުމީ ދަނީ ގަތަރުގައި ކޭމްޕު ކުރަމުންނެވެ. ގަތަރުގައި ކުރާ ކޭމްޕުގައި އެގައުމުގެ ސްޓާ ލީގުގެ ޗެމްޕިއަން ދުހެއިލް ސްޕޯޓްސް ކުލަބާއެކު ރަހުމަތްތެރި ކަމުގެ މެޗެއް ކުޅޭނެއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ތާވަލަށް ބަދަލުގެނައިރު، މިހާރު ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވާ އާދިއްތަ ދުވަހު އެވެ. އެދުވަހު ހަވީރު ބައްދަލުކުރާނީ ދ. ކުޑަހުވަދޫ އާއި ގދ. ތިނަދޫއެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ށ. މިލަންދޫ އެވެ.

އުރީދޫ ޕްރިމިއަރ ލީގުގެ މެޗުތައް މެދުކަނޑާލި އިރު، ކޮންމެ ޓީމަކުން ވެސް ވަނީ ހަތަރު މެޗުކުޅެފައެވެ. ލީގުގެ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓް އެވެ. އަދި ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ގޯލުގެ ތަފާތުން ކްލަބު ގްރީން ސްޓްރީޓްސް އޮތްއިރު، ހަތަރުވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.