30 Aug 2017, 15:53
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ އެންމެ އަގުބޮޑު އަދި އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއި ސާވިސްތައް ދޭ ބްރޭންޑު، ވާލްޑޮފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓުގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
ހިލްޓަންގެ ކޮންރަޑް ބްރޭންޑުގެ ރިސޯޓެއް އދ. ރަންގަލީގައި ހިންގަމުން އައި ނަމަވެސް މިއީ ހިލްޓަންގެ އެންމެ ލަގްޒަރީ ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހުޅުވާ ފުރަތަމަ ފަހަރެވެ.
ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ، މާލެ އަތޮޅުގެ ދެކުނުގައި އޮންނަ ތިން ރަށް ހިމެނޭ ގޮތަށް ތަރައްގީ ކުރާ އެ ރިސޯޓު ހުޅުވާނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކަމަށެވެ.
އެ ރިސޯޓުގައި އެއް ކޮޓަރި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ 138 ގެސްޓް ވިލާސް ހިމެނޭ އިރު ހަތަރު ކޮޓަރީގެ ޕްރެސިޑެންޝިއަލް ސޫޓް ވެސް ހިމެނެ އެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް އައުޓްޑޯ ޕޫލް އަކާއި ޖަކޫޒީއެއް ހިމެނޭ އިރު މޫދު ވިލާތަކުގައި ހުންނާނީ މޫދު ފެންނަ ގޮތަށް ގްލާސް ފްލޯރިންނެކެވެ.

ވާލްޑޮފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓުގެ ފަރާތުން ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓުގެ ކޮޓަރިއެއްގެ ޑިޒައިން --- ފޮޓޯ/ އެސެޓްސް
އަދި އެެ ރިސޯޓުގައި ތަފާތު އެކި މާހައުލުތަކަށް ފަރުމާ ކޮށްފައިވާ 10 ރެސްޓޯރަންޓް ހުންނާނެ ކަމަށް ވެސް ވެބްސައިޓުގައި ބުނެފައިވެ އެވެ.
ރިސޯޓް ހަދާ ތިން ރަށުގެ ނަން ބުނެފައި ނެތް ނަމަވެސް ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 23 ކިލޯ މީޓަރު ދުރުގައި އޮންނަ ތިން ރަށެވެ. އަދި އެ ރިސޯޓަށް މާލެއިން ފުރައިގެން ވިއްސަކަށް މިނެޓުގެ ތެރޭގައި ދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ދޯހާގެެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސެޓްސް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް (އެސެޓްސް) އަދި ގޯކޯ ހޮސްޕިޓޭލިޓީ އިން ބުނާ ގޮތުގައި، ފަސް ތަރީގެ ލަގްޒަރީ އެ ރިސޯޓަށް ކިޔަނީ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އެވެ.
އެ ރިސޯޓުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ހިލަޓަން ހޮޓެލްސް އެންޑް ރިސޯޓްސް އާއި ރާއްޖޭގެ އިތާފުށި އިންވެސްޓްމަންޓާއި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓުރަކްޝަން އަދި ދޯހާގެ ހައިނެސް އިންޖިނިއަރިން ކޮންސަލްޓަންޓްސް އިންނެވެ.