30 Aug 2017, 13:16
އިންޑިއާގެ މަޝްހޫރު ޓީވީ ސީރީޒް އެއް ކަމަށްވާ، "ސްވަރާގިނީ" އަދި "ސަވިތްރި ދެވީ ކޮލެޖް އެންޑް ހޮސްޕިޓަލް"ގެ ތަރި ވަރުން ކަޕޫރު ރާއްޖެ އަތުވެއްޖެ އެވެ.
ވަރުން ކަޕޫރު ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުން ދަންޔާ ވަރުން ކަޕޫރާ އެކުއެވެ. އެހެން މަޝްހޫރު ތަރިންނެކޭ ހިލާފަށް ވަރުން އަކީ ސޯޝަލް މީޑިއާއާ ދުރުގައި އުޅޭ ތަރިއެއް ކަމުން އޭނާ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައި ނެތުމުން ޗުއްޓީއާ ބެހޭ މައުލޫމާތު ސީދާ ނޭނގެ އެވެ.
ނަމަވެސް އޭނާގެ އަންހެނުން ދަންޔާގެ އިންސްޓަގްރަމް އެކައުންޓުގައި މީގެ ތިން ދުވަސް ކުރިން ވަނީ ރާއްޖޭގެ ސީ ޕްލޭން ޓާމިނަލުގައި ހުރެ ވަރުންއާ އެކު ނަގާފައިވާ ނަފްސީއެއް ހިއްސާކޮށްފަ އެވެ. އަދި އޭގެ އަނެއް ދުވަހު ވަރުންގެ ފޮޓޯއެއް ހިއްސާ ކޮށްފައިވެ އެވެ.
އޭގެން އެއްވެސް ފޮޓޯއެއްގައި އެމީހުން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް ބުނެފައެއް ނެތެވެ.
ނަމަވެސް އަންހެނުން ދަންޔާ އަދި އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ބުރަ ޝެޑިއުލް އެއްގައި މަސައްކަތްކުރުމަށް ފަހު ވަރުން ރާއްޖެ އައިސްފައި ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށެވެ.
މިދިޔަ ހޯމަ ދުވަހު ވަރުން އަށް 30 އަހަރު ވަނީ ފުރިފަ އެވެ.
އެދުވަހު ދަންޔާ އިންސްޓަގުރަމްގައި ހިއްސާ ކޮށްފައިވާ ވަރުންގެ ފޮޓޯގައި ވެސް އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައިވެ އެވެ.
ކަލާސް ޓީވީ އިން ގެނެސްދޭ އަދި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލް "ސްވަރާގިނީ"ގައި ސަންސްކާރު ރާމް ޕްރަސާދް މެހެޝްވަރީގެ ރޯލުން ފެނިގެންދާ ވަރުން އަށް ވަނީ މިދިޔަ އަހަރު ބޭއްވި ގޯލްޑެން ޕެޓަލް އެޥޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ ރޯލް ލިބިފަ އެވެ.