ސޯލް(އޮގަސްޓް 30): ޖަޕާން މަތިން އިއްޔެ ފޮނުވާލި މިސައިލަކީ ޕެސިފިކުގައި އުތުރު ކޮރެއާއިން ފަށާ އަސްކަރީ އޮޕަރޭޝަނުގެ "ފުރަތަމަ ފިޔަވަޅު" ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އެއީ ޖަޕާން ކައިރިއަށް ގަސްތުގައި ބެލިސްޓިކް މިސައިލެއް ފޮނުވާލި ކަމަށް އުތުރު ކޮރެއާއިން އެއްބަސްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެގައުމުން ޖަޕާން މަތިން މިސައިލް ކަމަށް ބެލެވޭ އެއްޗެއް ދެ ފަހަރަކު ފޮނުވާލި ނަމަވެސް އުތުރު ކޮރެއާއިން ބުނި ގޮތުގައި އެއީ ސެޓެލައިޓް ލޯންޗްތަކެކެވެ.

އުތުރު ކޮރެއާގެ ގައުމީ ނޫސް އޭޖެންސީ ކޭސީއެންއޭ އިން އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ހަވާލާދީ ބުނި ގޮތުގައި ޖަޕާން މަތިން އިއްޔެ ފޮނުވާލި މިސައިލަކީ ޕެސިފިކުގައި ކޮރެއަން ޕީޕަލްސް އާމީން ފަށާ އަސްކަރީ އޮޕަރޭޝަނުގެ ފުރަތަމަ ފިޔަވަޅެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމަށްވެސް މިސައިލްތައް އަމާޒު ކުރާނެ ކަމުގެ އިންޒާރު ކިމް ދެއްވި ކަމަށް ރިޕޯޓުގައިވެ އެވެ.

ކޭސީއެންއޭގައިވާ ގޮތުން ޖަޕާން މަތިން ފޮނުވާލި މިސައިލަކީ އެމެރިކާ އާއި ދެކުނު ކޮރެއާއާ ގުޅިގެން ކޮންމެ އަހަރަކު ބާއްވާ އަސްކަރީ ތަމްރީނުތައް ފެށުމާ ގުޅިގެން ދިން އިންޒާރެކެވެ. އެއީ ދިފާއީ ތަމްރީނުތަކެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް އުތުރުން ގަބޫލު ކުރާ ގޮތުގައި އެއީ އެގައުމަށް އަރައިގަތުމަށްވާ ތައްޔާރީތަކެކެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އުތުރު ކޮރެއާއިން މިސައިލެއް ފޮނުވާލީ އެގައުމުގެ ވެރިރަށް ޕްޔޮންގްޔަންގް ކައިރިންނެވެ. އަދި އެމިސައިލް ވަނީ 2،700 ކިލޯމީޓަރު ދުރުމިނަށް ދަތުރުކުރުމަށްފަހު، ތިން ބައިވެ، ކަނޑަށް ވެއްޓިފައި ކަމަށް ދެކުނު ކޮރެއާއިން ބުންޏެވެ. (ބީބީސީ)