ބ. ތުޅާދޫ ބަނދަރާބެހޭ ގޮތުން އެރަށު ކައުންސިލުން ފާސްކުރި ގަރާރުތައް ބާތިލުކޮށް ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިއުން ހުއްޓުވުމުގެ ގާނޫނީ ބާރު ތުޅާދޫ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ބ. ތުޅާދޫ ކޯޓުން ހުކުމް ކޮށްފި އެވެ.

ތުޅާދޫ ބަނދަރުގެ މައްސަލައި ކައުންސިލުން ފާސް ކުރި ގަރާރުތަކުގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު މިއަދު ކަމަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު ޝުޖާ އިއްވެވި ހުކުމުގައި ބުނަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާއިން ތުޅާދޫ ކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތްތަކާއި ދީފައިވާ ބާރުތަކުގެ ތެރޭގައި ބަނދަރު ހެދުމުގެ މަސައްކަތް ނުހިމެނޭ ކަމަށް ދައުވާ ލިބޭފަރާތުން އިއުތިރާފުވެފައިވާ ކަމަށެވެ.

"... އަދި މި ގާނޫނުގެ 23 ވަނަ މާއްދާގައި މިފަދަ ބާރެއް ތުޅާދޫ ކައުންސިލަށް ލިބިގެން ނުވާ ކަން އެނގެން އޮންނަ ހިނދު 8 މެއި 2011ގައި ތުޅާދޫ ކައުންސިލުން ފާސްކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ގަރާރަކީ ގާނޫނީ ބާރު ލިބިގެން ނުވާ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި އަދި އޭގެ ފަހުން ތުޅާދޫ ކައުންސިލުން ފާސްކޮށްފައިވާ އިސްވެ ބަޔާންވެދިޔަ 8 މެއި 2011ގައި ފާސްކުރި ގަރާރަށް ބާރުދޭ އެންމެހާ ގަރާރުތަކަކީ ވެސް ބާތިލު ގަރާރުތަކެއް ކަމަށް ކަނޑައަޅައި ތުޅާދޫ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރިޔަށް ގެންދިއުން ހުއްޓުވުމުގެ ގާނޫނީ ބާރު ތުޅާދޫ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ހުކުމް ކޮށްފީމެވެ،" ހުކުމުގައި ވެއެވެ.

ތުޅާދޫ ބަނދަރުގެ އިރުމަތީ ފަރާތުން 450 ފޫޓު ބޮޑުކުރަން ތާއީދުކޮށް އެ ރަށުގައި ވަނީ އެތައް ދުވަހެއް ވަންދެން މެދުނުކެނޑި މުޒާހަރާ ވެސް ކޮށްފަ އެވެ. ބޮޑެތި ހަމަނުޖެހުންތައް ހިނގާފަ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ނިންމުމާ ދެކޮޅަށް އެ ރަށުގެ ޑީއާރްޕީގެ މެމްބަރުންތަކެއް މުޒާހަރާކުރަން ފަށާފައި ވަނީ ބަނދަރު ހަދަން ސަރުކާރުން ނިންމާފައިވާ ގޮތާ ހިލާފަށް ގަރާރެއް ފާސްކުރުމުންނެވެ.

ކުށެއްގެ އިސްލާހު:

މިހަބަރުގައި ހުކުމް ކުރައްވާފައި ވަނީ ކަމަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށް ކުރިން ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ތުޅާދޫ މެޖިސްޓްރޭތް ކޯޓެވެ. ކުށް ޖެހިފައިވާ ތަންތަން މިހާރު ވާނީ ހަބަރުން އުނިކޮށް ރަނގަޅުކޮށްފަ އެވެ. ވީމާ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.