30 Aug 2017, 12:32
ބ. ކެންދޫން ފުރައިގެން މާލެ ދަތުރުކުރި "ފްލާވާ" ބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ ރޭ ފަރަށްއެރި ބޯޓު އަދިވެސް ފުން ނުވާ ކަމަށާއި ބޯޓު ފުންކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަތާތުން ކުރަމުން ގެންދާކަމަށެވެ. އަދި ބޯޓު ފުންކުރުމުގައި ބޯޓުގެ ވެރިފަރާތަށް އެމްއެނޑީއެފްގެ އެހީއެއް ބޭނުންވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"ބޯޓް ފުން ކުރުމުގައި އާންމު އުސޫލެއްގެ ގޮތުން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އޮޑީގެ ވެރިފަރާތުން، އޮޑީގެ ވެރިފަރާތުން އިތުރު އެހީ އަށް އެދިއްޖެ ނަމަ އެމްއެންޑީއެފުން އެހީ ފޯރުކޮށްދޭނަން،" އެމްއެންޑީއެފުން ބުންޏެވެ.
ރޭ 22:20 ހާއިރު ފަރަށް އެރި މި ބޯޓް ފަރަށް އަރާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރަށެވެއެވެ. ބޯޓުގައި 15 މީހުން ތިބީއިރު އޭގެ ތެރޭގައި އަންހެނަކާއި ކުޑަ ކުއްޖަކު ހިމެނެއެވެ. އަދި ބަނޑޮސް އައިލެންޑް ރިސޯޓް ދޯންޏެއްގެ އެހީތެރިކަމާއެކު އެންމެން ވަނީ ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސްދީފައެވެ.
ބޯޓް ފަރަށް އެރި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.