30 Aug 2017, 12:46
ދަރިއަކު ލިބުމަކީ ވަރަށް ވެސް ބޮޑު ނިއުމަތެކެވެ. ގަބޫލުކުރާ ގޮތުގައި ކޮންމެ ދެމަފިރިއަކު ވެސް ދަރިއަކު ހޯދާނީ އެކަމަށް ބޭނުން ވެގެންނެވެ. ދެލޯ ފަދަ ނޫރުހެން ބަލާބޮޑުކޮށް އެ ކުއްޖާއަށް އުފާވެރިކަމާއި ކާމިޔާބު އެދިގެންނެވެ. މިނިވަން ޖައްވެއްގައި ރަނގަޅު ތައުލީމެއްދީ މޮޅު މީހަކަށް ހެދުމަށެވެ.
ނަމަވެސް ހިތާމައަކީ މި ކުޑަ މުޖުތަމައުގައި ކުޑަކުދިންނަށް އަނިޔާކުރާ ބަޔަކު ވެސް އުޅޭ ކަމެވެ. ކުޑަކުދިންނާ ބެހުމާއި ވިޔަފާރިއަށް ވިއްކުމާއި ވިހެއުމަށް ފަހު ކުއްޖާ އެއްލާލުމާއި ކުއްޖާއަށް އަނިޔާކޮށް މަރާލުމުގެ ހާދިސާތަކަކީ އަޑުއިވި، ކެތްވާވަރުގެ ވާހަކަތެކެއް ނޫނެވެ.
އެފަދަ އަނިޔާވެރިކަމުގައި އެތައް ކުއްޖަކު އުޅެމުންދާއިރު، ކުޑަކުދިންނާއި ޅަފުރައިގެ ކުދިންގެ ހައްގުތައް ގެލިގެން ހުށަހަޅާ މައްސަލަތައް ވެސް ގިނަ އެވެ. އެޗްއާރުސީއެމް އިން މިދިޔަ މަހުގެ ތެރޭގައި އާއްމުކުރި ކަރުދާހެއްގައި ބުނެފައިވާ ގޮތުން، އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އެ އަނިޔާތައް ދެނީ ކުއްޖާގެ އާއިލާގެ ތެރެއިން ނުވަތަ ގާތްތިމާގެ މީހުންނެވެ. ބަނޑުއަޅައި ވިހެއި މައިމީހާގެ އަތުން އަނިޔާ ލިބޭ ކުދިންވެސް ގިނަ އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހެއްގައި ވެސް އެ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާއްމު ކުރަމުންދާއިރު، ޖުލައި މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ އެކި މައްސަލަތަކެވެ.
އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ޖުމްލަ 260 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅި އިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް އެކިކަހަލަ އަނިޔާ ކޮށްގެން ހުށަހެޅި 126 މައްސަލައެއް ހިމެނެ އެވެ. އެއީ ޖުލައި މަހު ހުށަހެޅި މައްސަލަތަކުގެ 48 ޕަސަންޓެވެ.
ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި، ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ ޖުމްލަ 44 މައްސަލައެއް ޖުލައި މަހު ރިޕޯޓް ކޮށްފައިވެ އެވެ.
އޭގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ހާނީއްކައިގެ 31 މައްސަލަ އަކާއި އިހުމާލުވުމުގެ 25 މައްސަލައެއް އަދި ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ ހުށަހެޅިފައިވާ އިރު އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަ މައްސަލަ އަކާއި އެހެން ކުދިންގެ ފަރާތުން ގަބާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަ މައްސަލަ އެއް ވަނީ މިިދޔަ މަހު ހުށަހަޅައިފަ އެވެ.
އަދި އެހެން ކުދިންގެ ފަރާތުން ސައިބާ ބުލީކުރުމުގެ މައްސަލަ އަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.
ޅައިރުގައި މިފަދަ ކުދިންނަށް ދެވޭ އަނިޔާ އާއި ތަހައްމަލު ކުރަން ޖެހޭ ހިތާމަވެރި ދިރިއުޅުމުގެ ނަތީޖާއަކަށް ވަނީ ކުއްޖާ ކުށަށް އަރައިގަނެ އަހުލާގީ އެތައް މައްސަލައެއް މުޖުތަމައުގައި ފެތުރިގެން ދިއުމެވެ.
ޖެންޑާ މިނިސްޓްރީގެ ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުށް ކުރާ ކުޑަކުދިންނާއި ކުޑަކުދިންގެ އަހުލާގީ 29 މައްސަލައެއް ޖެންޑާއަށް ވަނީ މިދިޔަ މަހު ހުށަހަޅައިފަ އެވެ. ކުށްކުރާ ކުޑަކުދިންގެ މައްސަލަ ތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ ވައްކަމުގެ މައްސަލައެއް ފާހަގަކޮށްފައިވާ އިރު، ހައްގުތަކުން ކުޑަކުދިން މަހްރޫމްކުރި އަށް މައްސަލަ ހިމެނެ އެވެ.
އޭގެ ތެރޭގައި ވެކްސިން ނުދިނުމާއި ސިއްހީ ފަރުވާއަށް ހުރަސް އެޅުން ނުވަތަ ނުދިނުމުގެ މައްސަލައިގެ އިތުރުން ތައުލީމަށް ހުރަސް އެޅުމުގެ މައްސަލަތައް ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުގައި ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ދިނުމުގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލައެއް ހުށަހެޅިފައިވާ އިރު، އެއީ މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ 14 ޕަސެންޓެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރުމާ ގުޅޭ 20 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވުމާ ގުޅޭ 20 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިއިރު، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ ނުވަ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.