30 Aug 2017, 10:30
މިނާ (އޮގަސްޓް 30) : މި އަހަރުގެ ޙައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ހައްޖުވެރިން މިނާއަށް ޖަމާވާން ފަށައިފި އެވެ. މިއަދަކީ ތަރްވިޔާގެ ދުވަހެވެ. އެއީ ހައްޖުވެރިން އަރަފާތުގެ ބިމަށް ދިޔުމަށް ޓަކައި މިނާއަށް ދާ ދުވަހެވެ. ހައްޖުވެރިންގެ އެއްބަޔަކު އިއްޔެ އާއި ރޭގައި މިނާއަށް ގޮސްފައިވާ އިރު ދެންތިބި ހައްޖުވެރިން މިއަދު މިނާއަށް ދާނެ އެވެ.
ޢަރަފާތު ބިމުގައި ތިބުމުގެ ކުރިން ތަރްވިޔާގެ ދުވަސް ފާހަގަކުރަންޖެހެ އެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙައްޖުވެރިން މިނާގެ މަޝްޢަރުގައި ތިބެނީ މިގޮތަށް ކީރިތި ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.

ހައްޖުވެރިން މިނާގައި ތިބޭ މަންޒަރެއް
ސައޫދީ މީޑިއާ ބުނާ ގޮތުން މާތްވެގެންވާ މައްކާގައިވާ ޙައްޖުގެ މަޝާއިރުތައް ޙައްޖުވެރިންނަށް ޓަކައި ވަނީ މުޅިން ތައްޔާރުވެފަ އެވެ. ހައްޖުގެ މަޝާއިރުތައް ކުރިޔަށްދާނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގަ އެވެ. ބަރަކާތްތެރި ޙައްޖު ދުވަހަކީ ނުވަތަ އަރަފާތުގެ ދުވަހަކީ މާދަމާ ކަމަށްވާއިރު ގާތްގަނޑަކަށް ދެމިލިޔަން ހައްޖުވެރިން އިއްޔެގެ ނިޔަލަށް މައްކާގެ މުޤައްދަސް ބިންތަކަށް ޖަމާވެފައިވާ ކަމަށް ޙައްޖުގެ ކަންތައްތަކާ ބެހޭ ސަޢޫދީ ވުޒާރާ އިން ބުނެ އެވެ.
ޙައްޖުގެ އެންމެ ބޮޑު ރުކުން އަދާކުރުމަށް ޙައްޖުވެރިން ޢަރަފާތުގެ މާތް ބިމަށް މާދަމާ ޖަމާވާނެ އެވެ. އެކަމަށް ޓަކައި މިއަދު މެންދުރެއްހާއިރު ހުރިހާ ޙައްޖުވެރިން ވެސް ތިބޭނީ މިނާގަ އެވެ. މިނާއަށް ޙައްޖުވެރިން ގެންދިޔުމަށް 30،000 ބަސް ބޭނުންކުރި އިރު މިނާ އިން އަރަފާތަށް ދިޔުމަށް ވެސްއެ އަދަދަށް ބަސްތަކުގެ ބޭނުންކުރާނެ އެވެ. މިނާއިން ޢަރަފާތުގެ ބިމަށް ދިޔުމަށް ޙައްޖުވެރިން ދަތުރު ފަށާނީ އާންމުގޮތެއްގައި މިރޭ ފަތިސްނަމާދަށް ފަހުގަ އެވެ. ނަމަވެސް މަގުތައްތާށި ވާނެތީ މިރޭ ދަންވަރު ވެސް ބައެއް ހައްޖުވެރިން އަރަފާތަށް ދާނެ އެވެ.

ހައްޖުވެރިން އަރަފާތުގެ ޖަބަލުއްރަޙްމާ ގައި
ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މާދަމާ މެންދުރު ނަމާދަށް ފަހު ޚުތްބާ ދިނުން އޮންނާނެ އެވެ. މާދަމާގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރުއޮއްސޭން ފެށުމާ އެކު ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މާދަމާ ރެއަކީ އަޟްޙާ ޢީދުވިލޭރެ އެވެ. އެރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގަ އެވެ. މުޒްދަލިފާގައި ތިބެ އެތަނުން ހިލަހޮވުމަށް ފަހު ހުކުރު ދުވަސް (ޢީދުދުވަސް)ގެ ފަތިހު އަނެއްކާ ވެސް މިނާއަށް ޖަމާވުމަށް ޓަކައި ހައްޖުވެރިން މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ.

ހައްޖުވެރިން މުޒްދަލިފާގައި ތިބޭ މަންޒަރެއް
މިނާއަށް ގޮސް ހައްޖުވެރިން އުޟްޙިޔާ ނުވަތަ ހަދްޔު ކަތިލާނެއެވެ. މިކަން ކުރިޔަށްގެންދާނީ ހައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ. ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ތިބޭނީ އެއްދުވަހު ނުވަތަ ދެދުވަހު އެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ހައްޖުގެ އަޅުކަން ނިމުނީ އެވެ.

މިނާއާއި އަރަފާތާއި މުޒްދަލިފާއާއި ޖަމްރާތައް ދައްކައިދޭ ޗާޓެއް
ޙައްޖުވެރިން މަޝާއިރުތަކަށް ދިޔުމުގެ ދަތުރުފަތުރު ހަމަޖެއްސުމުގައި އިލެކްޓްރިކް ރޭލް ފަދަ ޒާމާނީ ވަސީލަތްތަކުގެ ބޭނުން އެދެވޭ ގޮތުގައި މިއަހަރު ކުރަމުން ގެންދާތީ މައްކާގެ ހަރަމްފުޅުގެ ސަރަހައްދުން މިނާއަށް ދިޔުމުގައި މަގުތައް ތާށިވުމުގެ މައްސަލަ ވަރަށް ކުޑަކަމަށްވެ އެވެ. (ސަޢޫދީ މީޑިޔާ)