30 Aug 2017, 09:53
ހިއުސްޓަން(އޮގަސްޓް 30): ބާރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެމެރިކާގެ ހިއުސްޓަންގައި ކާފިއު އިއުލާންކޮށްފި އެވެ.
ހުކުރު ދުވަހު ޓެކްސަސް އަށް އެރި ތޫފާން ހާވޭގެ ސަބަބުން ހިއުސްޓަންގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތައް ވަނީ ހަލާކުވެފަ އެވެ. އަދި އެތޫފާނުގެ ސަބަބުން 15 މީހަކު މަރުވެފައިވާ އިރު، އެތައް ހާސް މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
ހިއުސްޓަންގެ މޭޔަރު ސިލްވެސްޓާ ޓާނާ ވިދާޅުވި ގޮތުގައި ރޭގަނޑު 00:00ން 05:00ށް އެސިޓީގައި ކާފިއު އިއުލާން ކުރީ ލޫޓުވުމާއި އެހެނިހެން ކުށްކުރުން ހުއްޓުވުމަށްޓަކަ އެވެ. ނަމަވެސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށާއި ވަޒީފާއާ ގުޅޭ ކަންތައްތަކުގައި ގެއިން ބޭރަށްދާ މީހުން ކާފިއުއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
ހިއުސްޓަންގެ އޮފިޝަލުން ވަނީ އެސިޓީއަށް ތޫފާން އެރި ފަހުން ލޫޓުވުމާއި، ވައްކަން ކުރުމާއި، ޕޮލިހެއް ކަމަށް ބުނެ އޮޅުވާލުމުގެ ހާދިސާތައް އާއްމުން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ޓެކްސަސްގެ ކޯޕަސް ކްރިސްޓީއަށް ފުރަތަމަ އެރި ތޫފާން ހާވޭ އަކީ އެސްޓޭޓަށް ފާއިތުވި 50 އަހަރު ތެރޭގައި އެރި އެންމެ ބާރުގަދަ ތޫފާނެވެ. ހާވޭގެ ބާރު މިހާރު ދަށްވެފައިވީ ނަމަވެސް އޭގެ ސަބަބުން މިހާރުވެސް ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، އިތުރު ގެއްލުންތައް ލިބޭނެ ކަމަށް މޫސުމީ އިދާރާތަކުން ބުނެ އެވެ. (ބީބީސީ)