ކުރީ ސަރުކާރުން ބްރޯޑްކާސްޓަރުންނާ އެކު ވެފައިވާ ލައިސަންސް ދޫކުރުމުގެ އެގްރިމެންޓް އާކުރެވެންދެން މިހާރު އޮތް އެގްރިމެންޓަށް ހުރިހާ ބްރޯޑްކާސްޓަރުން ވެސް ތަބާވާން ޖެހޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ބަދުރު ވިދާޅުވީ، ބްރޯޑްކާސްޓަރުންނާ އެކު ވެފައިވާ އެއްބަސްވުން އާނުކޮށް، އެ އެގްރިމެންޓުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން އެކި އެންގުންތައް އަންގަމުންދިޔަ ނަމަވެސް، އެކަމާ ބްރޯޑްކާސްޓަރުން ހިތްހަމަނުޖެހެންވީ ސަބަބެއް ނޯންނާނެ ކަމަށެވެ. އެއީ އެ ފަރާތްތަކުން އެއެގްރިމެންޓުގައި ސޮއިކޮށްފައި ވަނީ އޭގައިވާ ކަންކަމަށް ތަބާވާން ރުހިގެން ކަމަށްވާތީ ކަމަށް ވެސް ބަދުރު ވިދާޅުވި އެވެ.

ބަދުރު އަދި ވިދާޅުވީ، މިހާރު ރާއްޖޭގައި ހިދުމަތް ދެމުންދާ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ލައިސަންސް ދޫކުރުމުގެ ކުރިން ހަދާފައިވާ އެގްރިމެންޓް އާކުރެވެންދެން އެ ކޮމިޝަނުން ބަލަމުންދާނީ އެ އެގްރިމެންޓަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަލުން އެއްޗެއް ހެދެން ދެންވެސް އަޅުގަނޑުމެން ބަލާނީ މިހާރު ސޮއިކުރެވިފައި އޮތް ލީގަލް ޑޮކިއުމެންޓް،" ބަދުރު ވިދާޅުވި އެވެ.

ނަމަވެސް، އެ އެގްރިމެންޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ބަދުރު ފާހަގަކުރެއްވި އެވެ.

"ކުރީގައި ސޮއިކުރެވިފައި ހުރި ލައިސަންސް އެގްރިމެންޓުތަކަކީ މިހާރަކަށް ފެތޭ ގޮތަށް އެއްޗެއް ވެސް ނޫން އަދި އޭގައި އެބަހުރި ބައެއް ކަހަލަ ފުށުއެރުންތަކެއް ވެސް. އަނެއްކާ މިނިސްޓްރީއަކާ އެއްކޮށް އެއްބަސްވުން އެއްބަސްވެފައި މި އޮންނަނީ. މިހާރު މިނިސްޓްރީއެއް ވެސް ނެތް. މިހާރު މިއޮތީ ބްރޯޑްކާސްޓިން ކޮމިޝަނެއް. އެހެންވީމަ މިކަހަލަ ބައިވަރު ބޭސިކް ކަންތައްތަކެއް ވެސް އެބަހުރި އިސްލާހު ކުރަން ޖެހޭ. އެ އިސްލާހު ކުރުމުގެ މަރުހަލާގައި މިއުޅެނީ،" ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

ބަދުރު ވިދާޅުވީ، އެގްރިމެންޓް އިސްލާހު ކުރާއިރު ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މަޝްވަރާ ވެސް ކުރާނެ ކަމަށެވެ. ނަމަވެސް، އެހާ އަވަހަށް އެގްރިމެންޓް އާކުރެވޭނެ ކަމަށް ނުފެންނަ ކަމަށާއި އެކަމަށް ދުވަސްތަކެއް ނަގާނެ ކަމުގައި ބަދުރު ވިދާޅުވި އެވެ. އެއީ ބްރޯޑްކާސްޓަރުންގެ ފަރާތުން ވެސް އެހާ ބޮޑު އެއްބާރުލުމެއް ލިބެމުން ނުދާތީ ކަމަށާއި އަދި އެގްރިމެންޓާ ގުޅޭ ގޮތުން ގާނޫނީ ދިރާސާތަކެއް ވެސް ހަދަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.