29 Aug 2017, 21:42
ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ގްލޯނެޓް ލިމިޓެޑުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެޑިއުކޭޝަން ފެއާތަކުގެ ތެރެއިން 21 ވަނަ ފެއާ 11 ޔުނިވާސިޓީއަކާއި ތިން ކޮލެޖަކާއެކު މިއަދު ފަށައިފިއެވެ.
ނެޝަނަލް އާޓް ގެލެރީގައި މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެއާ ހުޅުވައި ދެއްވީ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ގޮލޯނެޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަސީމެވެ.
މިއީ ގްލޯނެޓުން އެޑިއުކޭޝަން ފެއާ މިއަހަރު ބޭއްވި ދެ ވަނަ ފަަހަރެވެ. މިއަހަރުގެ ފެބްރުއަރީ މަހު ވެސް ގްލޯނެޓުން ވަނީ މާލޭގައި ފެއާ އެއް ބާއްވައިފައެވެ. އޭގެ އިތުރުން ބ. އޭދަފުށީގައި ވެސް ގްލޯނެޓުން މިއަހަރު ވަނީ ފެއާއެއް ބާއްވައިފަ އެވެ.
މެލޭޝިއާގެ 13 ފަރާތަކާ ގުޅިގެން ކުރިއަށް ގެންދާ އެ ފެއާގައި ހެލްތު ސައިންސަސް، ބިޒިނަސް އަދި އިންޖިނިއަރިންގެ ކޯސްތަކާ ބެހޭ މައަލޫމާތު ލިބޭނެ ކަމަށް ގްލޯނެޓުން ބުންޏެވެ.
މިއަދު ފެށި ގްލޯނެޓް އެޑިއުކޭޝަން ފެއާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނަސީމް ވާހަކަދައްކަވަނީ-- ސަން ފޮޓޯ : ފަޔާޒު މޫސާ
ފެއާގައި ބައިވެރިވި މެލޭޝިއާގެ ޔުނިވާސިޓީތަކާއި ކޮލެޖުތައް
- އެޝިއާ ޕެސިފިކް ޔުނިވަސިޓީ އޮފް ޓެކްނޮލަޖީ އެންޑް އިނޮވޭޝަން
- ސަންވޭ ޔުނިވާސިޓީ
- ޓޭލާސް ޔުނިވާސިޓީ
- އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއާލަލަމްޕޫރު
- ސެގީ ޔުނިވާސިޓީ
- މޮނާޝް ޔުނިވާސިޓީ
- ޔޫސީއެސްއައި ޔުނިވާސިޓީ
- ޔުނިވާސިޓީ އޮފް ނޮޓިންގްހަމް
- އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ މެލޭޝިއާ
- މަހްސާ ޔުނިވާސިޓީ
- ފަސްޓު ސިޓީ ޔުނިވާސިޓީ ކޮލެޖް
- ކޭޑީޔޫ ޔުނިވާސިޓީ ކޮލެޖް
- މަލާކާ- މަނީޕާލް ކޮލެޖް
އެ ފެއާގައި ރާއްޖޭގެ ކޮލެޖެށް ކަމަށްވާ އެމްއޭއެމް ބިސްނަސް ސްކޫލުން ވެސް ވަނީ ބައިވެރިވެފައެވެ.
ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގްލޯނެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނަސީމު ވިދާޅުވީ ވަކި ދާއިރާއަކުން ހާއްސަވުމަށްޓަކާ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލު ކުރުމަށްފަހު ކުއްލިއަކަށް ކެރިއާ ބަދަލުކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ތައުލީމު ހާސިލު ކުރާޏެ ރޮނގެއް މާ ލަސްވުމުގެ ކުރިން ރަނގަޅަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޔުނިވާސީޓީގެ ހަޔާތަކީ ވަރަށް ތަފާތު ހަޔާތެއް ކަމަށާއި އެކަމަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
މިއަދު ފެށި އެ ފެއާގައި ރަނގަޅު ނަތީޖާ ލިބިފައި ތިބި ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ސްކޯލާޝިޕެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ގޮލޯނެޓުން ބުންޏެވެ.
ފެއާއަށް ވަންނަ މީހުންގެ ތެރެއިން ލަކީޑްރޯއިން ބާއްވާއި އޭގެން ހޮވޭ ބޭފުޅަކަށް މެލޭޝިއާއަށް ދިއުމަށް ދެކޮޅު ޓިކެޓާއި މެލޭޝިއާގެ ޔުނިވާސީޓީއެއްގައި ހުރެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ގްލޯނެޓުން ބުންނެވެ.