މިއަހަރުގެ މިހާތަނަށް ހައި ކޯޓުގައި 500 އަށް ވުރެ ގިނަ މައްސަލަތައް އެބަހުރި ކަމަށާއި މި އަހަރު ނިޔަލަށް ނިންމަންޖެހޭ މައްސަލަތައް ބަލައި ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކުރީ މިއަދު ހަވީރު އެ ކޯޓުން ނެރުނު އަމުރެއްގަ އެވެ.

އެ އަމުރުގައި ބުނެފައި ވަނީ ހައި ކޯޓުގައި މިއަހަރުގެ މިހާތަން ނުނިމި ހުރި 500 އަށްވުރެ، ގިނަ މައްސަލަތަކަކީ އެ މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައެޅިފައިވާ މައްސަލަތަކެއް ކަމަށެވެ. އެ މައްސަލަތައް ނުނިމި ހުންނަތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރާ ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގައި ހުންނަ ހައި ކޯޓުގައި މަސައްކަތް ކުރާ ގޮތަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސާފަ އެވެ.

އެ އަމުރު ރައްދު ވަނީ ހައި ކޯޓުގެ ހަތް ފަނޑިޔާރުންގެ މައްޗަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށެވެ.

"މި އެންގުމާ ގުޅިގެން އިދާރީ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަންޖެހޭ ކަންތައްތައް، އެ ޑިޕާޓްމަންޓުން ކުރަމުން ގެންދިއުމަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.