އެމެރިކާގެ މިޑިލް ޑިސްޓެންސް ދުވުންތެރިޔެއް ކަމަށްވާ ޑޭވިޑް ޓޮރެންސް އެރިޒޯބާގެ ސްވިމިން ޕޫލެއްގެ އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 31 އަހަރުގެ ޓޮރެންސް ވަނީ 2014 ވަނަ އަހަރު އޮތް ދުނިޔޭގެ ރިލޭ ޗެމްޕިއަންޝިޕްގައި އެމެރިކާއަށް ރިހި މެޑެއްޔެއް ހޯދައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ޕޭން އެމެރިކަން ގޭމްސްގައި ވެސް ރިހި މެޑެއްޔެއް ހޯދައިފައެވެ.

އޭގެ ފަހުން ޓޮރެންސް ވަނީ މިދިޔަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސް މުބާރާތުގައި އެމެރިކާ ދޫކޮށް ޕެރޫ ތަމްސީލު ކުރުމަށް ނިންމައިފައެވެ.

ޓޮރެންސްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ނިޝާނެއް އެ ސަރަހައްދުން ފެންނަން ނެތް ކަމަށެވެ.

ޓޮރެންސްގެ މަރާއެކު ދުނިޔޭގެ ގިނަ މަޝްހޫރު ދުވުންތެރިން ދަނީ އޭނާގެ އާއިލާ އަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ފޮނުވާފައެވެ.