25 Jul 2011, 18:19
ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ ކުރީގެ ފިރިމީހާ، މއ. އެދުރުގޭ ހަސަން ޝާހިދު )ޝާޑު( އަށް ވަޅިން ދިން ހަމާލާއެއްގައި މަރުވީ ކުރީގެ ފިރިމީހާގެ އަނިޔާވެރިކަން ބޮޑުވުމުން އަމިއްލަ ޖާނު ދިފާއު ކުރުމަށް ނަޒާހާ ދިން ހަމަލާއެއްގައި ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޖޫން 22, 2010 ގައި ކުރީގެ ފިރިމީހާ ގަސްތުގައި މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާ ނަޒާހާގެ މައްސަލާގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް މިއަދު ބޭއްވީ ނަޒާހާގެ އެދުމުގެ މަތިންނެވެ. އަދި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނަޒާހާގެ ވަކީލް ވަނީ ނަޒާހާ، ޝާޑުއަށް ހަމަލާދީ މަރާލި ކަމަށް އިއުތިރާފުވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ.
ވަކީލް ވިދާޅުވީ ނަޒާހާގެ ކުރީގެ ފިރިމީހާ ޝާޑުގެ އަނިޔާވެރިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ނަޒާހާއަށް "ޕެޓާން ވުމެން ސިންޑްރޮމް" ކިޔާ ބައްޔެއް ޖެހިފަ ކަމަށެވެ. އެ ބައްޔަކީ ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ ބޮޑެތި ޖިސްމާނީ އަނިޔާތަކެއްގެ ސަބަބުން ނަފްސާނީ ގޮތުން ޖެހޭ ބައްޔެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ ނަފްސާނީ އަނިޔާތަކެއްގެ ތެރޭގައި ވަނިކޮށް، ޝާޑުގެ ކިބައިން ސަލާމަތްވުމަށް ނަޒާހާ ބޭއިހްތިޔާރުގައި ދިން ހަމަލާއެއްގައި ޝާޑު މަރުވީ ކަމަށް ވެސްވަކީލް ވިދާޅުވި އެވެ. އަދި އެ ހަމަލާއަކީ ޝާޑު ގަސްތުގައި މަރާލަން ދިން ހަމަލާއެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަޒާހާއަކީ މުޖުތަމައުމަށް ބިރެއް ނޫން ކަމަށާއި އަދި ނުރައްކަލެއް ވެސް ނޫން ކަމަށެވެ.
ޝާޑު ނަޒާހާއަށް ދިން އަނިޔާތަކުގެ ތަފްސީލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަކީލް ވިދާޅުވީ ނަޒާހާ ސްކޫލްގައި ކިޔެވި ދުވަސްވަރުގަ އާއި އަދި ދެ މީހުން ކައިވެނި ކޮށް، ނަޒާހާ ބަލިވެއިންދާ ވެސް ބޮޑެތި އަނިޔާތަކެއް ކުރި ކަމަށެވެ. އަދި ވިދާޅުވީ ދަރިފުޅު ކުރިމަތީގައި ބައްޕަ ނަޒާހާއަށް އަނިޔާކުރި މައްޒަރު ފެނިގެން ދަރިފުޅަށް ފިޓްޖެހިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ނަޒާހާ ވަޒީފާ އަދާ ކުރަމުންދާ ތަނުގެ ތެރޭގައި ނަޒާހާގެ ކަރުގައި ހިފައި އަނިޔާކުރި ކަމަށާއި އެމަންޒަރު ދުށް އެތައް ބަޔަކު އެބަތިބި ކަމަށްވެސް ވަކީލް ވިދާޅުވި އެވެ. އަދި އެފަދަ އެތައް މައްސަލައެއް ނަޒާހާ އަމިއްލައަށް ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި ނަމަވެސް ޝާޑުގެ އެދުމުގެ މަތިން އެ މައްސަލަތައް އަބުރާ ގެނެސްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެ މައްސަލަތަކުގެ ތަފްސީލްތައް ފުލުހުންގެ ރިކޯޑްތަކުން ފެންނަން ހުންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޝާޑުގެ އަނިޔާވެރިކަމުގެ ވާހަކަތައް ޝާރީއަތަށް ހުށަހަޅަމުން ދިޔައިރު، ފުރަގަހަށް ބިޑިއަޅުވާފައި އިން ނަޒާހާ ގިސްލާ ރޮމުންދިޔަ އެވެ. އަދި ޝަރީއަތް އަޑުއަހަން ވަދެ ތިބި ނަޒާހާގެ މަންމަޔާއި ދައްތަ ފެން ކަޅިވެފައި އެ ވާހަތައް އަޑުއަހަމުންދިޔަ އެވެ.
ވަކީލް ވިދާޅުވީ ނަޒާހާ ދިރިއުޅޭ ގެ ހ. ބައިކަނޑިގެއަށް ޝާޑު ވަމުން ފުލުހުން މަނާކޮށްފައިވާ ކަމަށާއި ނަމަވެސް ޝާޑު ފުލުހުންގެ އަމުރަށް ކިޔަމަން ނުވެ، އެގެއަށް ވަދެއުޅެނިކޮށް ނަޒާހާ އޭނާއަށް ހަމަލާދީ މަރާލީ ކަމަށެވެ.
ގާޒީ ވިދާޅުވީ ޝާޑު މަރާލި މައްސަލާގައި އިތުރަށް ސާފު ކުރަންޖެހޭ އެއްޗެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގެ ހުކުމް ފަހުގެ ތާރީއެއްގައި އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޝާޑު ގަޔަށް ވަޅި ހަރާފައި ވަނީ ޖޫން 22، 2010 ވަނަ ދުވަހު އޭނާގެ ދަރިފުޅު ގާތަށް ޒިޔާރަތްކޮށްގެން އުޅެނިކޮށް ބައިކަނޑިގޭގަ އެވެ. އުމުރުން 34 އަހަރުގެ ޝާހިދު މަރުވީ ބުރަކައްޓަށް ވަޅި ހެރިތާ ގަޑިއެއްހާއިރު ފަހުން އޭޑީކޭ ހޮސްޕިޓަލުގަ އެވެ.