29 Aug 2017, 15:56
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ ކަންކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުލްސިލް މެމްބަރުން ބައްދަލު ކުރައްވައިފި އެވެ.
ޖޭޕީ އެދިލެއްވުމަކަށް މިއަދު ހޯމް މިނިސްޓްރީގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ގާސިމް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތަކާ ގުޅޭ ގޮތުން ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ގާސިމް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މިނިސްޓަރު އަޒްލީން އަދި ރައީސް އަބްދުﷲ ޔާމީން ވެސް މަސައްކަތް ޕުޅު ކުރައްވަމުން ގެންދަވާ ކަމަށް އަޒްލީން ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ވީހާ ވެސް އަވަހަށް ގާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖެހި އަވަހަށް ރާއްޖޭން ބޭރަށް ފުރޭނެ ގޮތް ހަމަޖެހިގެން ދިއުން. އެކަންކަމާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ" ސަމީރު ވިދާޅުވި އެވެ.
މިހާރު ކަންކަން ހަމަ ނުޖެހި ވަނީ މެޑިކަލް ބޯޑުގެ ބައެއް މެމްބަރުން ބައްދަލުވުންތަކަށް ހާޒިރު ނުވާތީ ބައްދަލުވުން ނުބޭއްވިގެން ކަމަށް މިނިސްޓަރު އަޒްލީން އާ ހަވާލާދީ ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު މެޑިކަލް ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށާއި މިއަދު ހަވީރު ބައްދަލުވުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޯމް މިނިސްޓަރުގެ ވާހަކަފުޅުން ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށާއި އުންމީދަކީ ވީހާ ވެސް އަވަހަށް ގާސިމަށް ބޭސްފަރުވާ އަށް ފުރޭގޮތްވުން ކަމަށް ސަމީރު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރު އަޒްލީން އާއި ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމުދު ހުސައިން ޝަރީފު (މުންދު) ވަނީ ގާސިމް އިބްރާހިމާ ރޭ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގެ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގާސިމް އިބްރާހިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. ގާސިމް އިބްރާހިމް މިހާރު ވެސް އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.
ކޯޓުން ކުރި ހުކުމުގައި ވެސް ގާސިމް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.