ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރު ޒަންގް ލިޒޯންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް އަރުއްވައިފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ޗައިނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް މަރްޙަބާ ދަންނަވާ ޗައިނާ ސަފީރުގެ ސަފީރުކަމުގެ ދައުރު ފެއްޓެވުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ހިޒް އެކްސެލަންސީ ޝީ ޖިންޕިންގްއަށް ހެޔޮއެދުންތައް އަރިސްކުރައްވާ، ދެ ގައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވި އެވެ. މިގޮތުން، ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު ދެ މަޝްރޫޢު ކަމަށްވާ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖާއި ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫޢު ފާހަގަކުރެއްވި އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވަން-ޗައިނާ ސިޔާސަތަށް އެއްބާރުލެއްވުން ދެއްވާ މިންވަރު ފާހަގަކުރައްވާ ޗައިނާ ރައްޔިތުން ތަމްސީލު ކުރުމަށް ޓަކައި މި ސިޔާސަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މީގެ އިތުރުން، ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަގްވާމީ މަޝްރަހުގައި ވެސް ދެ ގައުމަށް ފައިދާވާ ފަދަ ކަންކަން ކުރެއްވުމަށް ދެ ގައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް އަދި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރެއްވި އެވެ. އަދި، ރާއްޖޭގައި މިހާރު ކުރިއަށްދާ ތަފާތު ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާމެދު އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހޭކަން ފާޅު ކުރައްވާ ރާއްޖޭގެ ބޮޑެތި މަޝްރޫޢުތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކުރަން ފުރުސަތު ދިނުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމުކަމެއްކަމަށް ޗައިނާގެ ސަފީރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށާ ވިޔަފާރީގެ ދާއިރާގައި ދެ ގައުމުގެ ގުޅުން ތަރައްގީކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.