ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން އުޅަނދުގެ ކޮމާންޑާ ރެއާ އެޑްމިރަލް ޝެން ހާއޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ފަރާތުން ރާއްޖެ ތަރައްގީ ކުރުމަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 45 އަހަރު މި އަހަރު ފުރޭތީއާ އެކު އެކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.

ކޮމާންޑަރުގެ ވާހަކަފުޅުގައި، ޗައިނާގެ ވަފްދު ރާއްޖެވަޑައިގަތުމުން ރާއްޖޭން ކީ ހޫނު މަރުޙަބާއަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ ރައީސް، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.