29 Aug 2017, 14:38
ދިއްލީ (އޮގަސްޓް 29): އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވި ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ބިހާރާއި އަައްސާމުން ފެންގަނޑު ހިނދެމުންދާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ބިހާރުގެ ޑިޒާސްޓާ މެނޭޖްމެންޓް ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތަކުގެ އަދަދު 171.64 ލައްކައަށް އަރަ އެވެ. އޭގެ ތެރެއިން 854،936 މީހުން ސަލާމަތީ ސަރަހައްދުތަަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަދި މިހާރު އެސްޓޭޓުގެ ގިނަ ސަރަހައްދުތަކުން ފެންގަނޑު ހިނދެމުން ދިޔުމުގެ ސަބަބުން އެހީ ފޯރުކޮށްދޭ ކޭމްޕުތަކުގެ އަދަދު 115 އަށް މަދުކޮށްފައިވާ ކަމަށާއި މިދިޔަ ހަފްތާގައި އެފަދަ 2،000 ކޭމްޕު ހިންގަމުން ދިޔަ ކަމަށް ބިހާރުގެ ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން، މީގެ ކުރިން އެކޭމްޕުތަކުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ތިބި ނަމަވެސް މިހާރު އެއަދަދު 106,650 އަށް ތިރިވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
އެއާ އަޅާ ބަލާއިރު އައްސާމުގެ އެހީ ފޯރުކޮށްދެމުންދާ 82 ކޭމްޕެއްގައި 23،545 މީހުން ދިރިއުޅެމުންދާ ކަމަށް އައްސާމް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އޭއެސްޑީއެމްއޭ) އިން ބުންޏެވެ. ނަމަވެސް އެސްޓޭޓުގެ ފަސް ޑިސްޓްރިކްޓެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށާއި އޭގެ އަސަރު 1.25 ލައްކަ މީހުންނަށް ކޮށްފައިވާ ކަމަށް އޭއެސްޑީއެމްއޭ އިން ބުންޏެވެ.
އިންޑިއާގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި މަސް ތެރޭގައި ހަ ސްޓޭޓަކުން މަރުވި މީހުންގެ އަދަދު 850 އަށް އަރަ އެވެ. އަދި އެވިއްސާރައިގެ ސަބަބުން ނޭޕާލާއި ބަންގުލަދޭޝްއިން މަރުވި މީހުންގެ އަދަދު ވަނީ 350ށް އަރާފައި ކަމަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކުން ބުނެ އެވެ.