29 Aug 2017, 13:44
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާގެ ފައިދާ މިއަހަރުވެސް ނުބަހަން ނިންމުމާއެކު އެ ކުންފުނީގެ ހިއްސާދާރުން ނުރުހުން ފާޅުކޮށްފިއެވެ. މިދިޔަ އަހަރުގެ ފައިދާވެސް ދަށްވެ އެ ކުންފުނީގެ ހިއްސާދާރުންގެ ހިއްސާގެ ފައިދާ ނުބަހާތާ މިއީ ނުވަވަނަ އަހަރެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 69.72 މިލިއަން ރުފިޔާ ލިބިފައި ވީނަމަވެސް ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 95.31 ޕަސެންޓުން ވަނީ ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ފާސްކޮށްފައެވެ. ހިއްސާ ބަހަން ފެންނަ ކަމަށް ވޯޓް ދިނީ 4.69 ޕަސެންޓް ހިއްސާދާރުންނެވެ.
މި އަހަރުވެސް ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ބޯޑުން ނިންމެވުމުން އާންމު ހިއްސާދާރުންގެ ތެރެއިން ބައެއް މީހުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ހިއްސާގެ ފައިދާ ނުބަހަން ނިންމެވި ސަބަބު އޮޅުންފިލުވައިދިނުމަށް ތަކުރާރުކޮށްވަނީ ސުވާލުކޮށްފައެވެ.
ޖަލްސާގައި އާންމު ހިއްސާދާރުގެންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެމްޓީޑީސީގެ ޗެއާމަން އަލީ ނިޝާން ވިދާޅުވީ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ސަބަބުން މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމަށް 78.9 މިލިޔަން ރުފިޔާ ހަރަދުކުރި ކަމަށެވެ.
ޖޫރިމަނާ އަރާ ސަބަބު އޮޅުން ފިލުވުމަށްވެސް ތަކުރާރުކޮށް ހިއްސާދާރުން ސުވާލު ކުރި އެވެ. އަދި ބޯޑު މެމްބަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލައިފައެވެ.
އެމްޓީޑީސީގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 69.72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ވޭތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު 26 ޕަސެންޓް ދަށް އަދަދެކެވެ.