29 Aug 2017, 11:23
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނުއަގުގައި ބާ ދޯންޏެއް ގަތް މައްސަލާގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ހިންގުމާ ވާލުވެހުރި ފަރާތުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެ ދޯނީގެ މައްސަލަ އޭސީސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
އެ މައްސަލަ ބަލައި އޭސީސީން އިއްޔެ އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ މާލެއާއި ތިލަފުށްޓާ ދެމެދު ފެރީއެއްގެ ގޮތުގައި ދުއްވުމަށް، އެމްޕީއެލުން 3,710,000.00 ރުފިޔާއަށް ފެރީ ދޯންޏެއް ގަނެފައިވާ ކަމަށެވެ.
އެ ދޯނި ގަނެފައި ވަނީ ބީލަމަށް ނުލައި ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ ދޯނި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވެސް ތިލަފުށީގައި ކުރަމުންދާ ކަމަށާއި އޭސީސީން ގޮސް ބެލިބެލުމުން ދޯނި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމާއި އެއީ ބާ ދޯންޏެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދޯނި މަރާމާތު ކުރުމަށް މިހާތަނަށް 461,512.02 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ތަހުގީގަށް ލިބިފައިވާ ބަޔާންތަކުން ވެސް އެއީ ބާން ދޯންޏެއްކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ. އަދި ދޯނި ގަތީ ދޯނީގެ ހާލަތު ރަނގަޅަށް ނުބަލައިކަން ތަހުގީގަށް ފާހަގަވި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ އެ ދޯނި ގަތުމަށް ކޯޓޭޝަން ހަދާފައި ވަނީ ޕްރޮކިއުމެންޓުން ކަމަށް އޭރު ޕްރޮކިއުމެންޓާ ހަވާލުވެ ހުރި އިސްފަރާތުން އިންކާރު ކޮށްފައިވާ ކަމަށެވެ.
ެއެހެން ނަމަވެސް ކޯޓޭޝަން ހަދާފައި ވަނީ ޕްރޮކިއުމެންޓުންކަން ތަހުގީގަށް އެނގޭ ކަމަށާއި ބޯޑުން އެއްޗެއް ގަތުމަށް ނިންމުމުން އެކަން ޕްރޮސެސްކޮށް ގަތުމުގެ ހުރިހާކަމެއް ކުރުމުގެ ޒިންމާއަކީ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ޒިންމާއެއް ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
އަދި ދޯނި އިންސްޕެންޝަނަށް ދިޔަ ޓީމުން އެ ރަނގަޅަށް އިންސްޕެކްޓް ކޮށްފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެމައްސަލައަކީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ނިންމައި ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި އޭރު ހުރި ފަރާތުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާހޯދައި ދިނުމުގެ ދައުވާ ކޮށްފިނުމަށް އެދި މައްސަލަ ވަނީ ޕީޖީއަށް ވޮނުވައިފަ އެވެ.
އެ ދޯނީގެ ވާހަކަ މީޑިއާގައި ދެކެވުނު ދުވަހު އޭރު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު ވިދާޅުވީ އެމްޕީއެލުން ދޯންޏެއް ގަތީ އެތަނުގެ މުވައްޒަފުން ކުރަން ޖެހޭ އެކި އެކި ދަތުރުތައް ކުރުމަށާއި މާލެއިން ތިލަފުއްޓަށް އުފުލަން ޖެހޭ ބައެއް މުދާ އުފުލުމަށް ކަމަށެވެ. އެއީ ބާ ދޯންޏެއް ނޫން ކަމަށް ޖުނައިދު ވިދާޅުވި އެވެ.
އޭރު ޖުނައިދު ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ ކުރު މާޒީގައި އެ ކުންފުނިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފަނޑުކޮށްލައި، ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓާލުމަށް މަދުބަޔަކު އަޑިގައިތިބެގެންކަމަށެވެ.