25 Jul 2011, 16:49
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު، އަބްދުﷲ ޔާމީނު ގުޅިވަޑައިގެން ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މުއާމަލާތްތަކާ ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިންތަކަކާ ގުޅުން އޮތް ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރިޔާސީ ކޮމިޝަންގެ ތަރުޖަމާނު އަބްދުﷲ ހަސީން މިއަދު ވިދާޅުވީ، އެ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއްވެސް ހިޔަނާތެއް ނުހިމެނޭނެ ކަމަށް އެކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވިދާޅުވަމުން ގެންދެވި ނަމަވެސް، ސަރުކާރަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެކިއެކި މުއާމަލާތްތަކާއި ހިޔާނާތުގެ ގިނަ ހެކިތަކެއް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިގެ މުއާމަލާތްތަކާއި ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންނާ ގުޅުން އޮތް ކަމަށް ބެލެވޭ ހެކިތަކެއް ވެސް ލިބިފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
"ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިންނާ މި މުއާމަލާތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ހެކިތަކެއް ވެސް މި ކޮމިޝަނުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރަމުންދާ ތަހުގީގަށް ވެސް އެބަހާމަވޭ،" ހަސީން ވިދާޅުވި އެވެ.
ނަމަވެސް، ގުޅުން އޮތީ ކޮން ކުށްވެރިންތަކަކާތޯ ދެންނެވުމުން ހަސީން ވިދާޅުވީ، ތަހުގީގު ކުރިއަށްދާތީ އެކަމާ ބެހޭ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ. "އަކަން އަޅުގަނޑުމެން އަދި ހާމަކުރާކަށް ނެތިން. ތަންކޮޅެއް ވޭގްކޮށް ބާއްވަން ބޭނުމީ،" ހަސީން ވިދާޅުވި އެވެ.
ހަސީން ވިދާޅުވީ، އެ ވިޔަފާރީގެ މުއާމަލާތްތަކަށް ބަލާއިރު ސަރުކާރަށް ވަރަށް ބޮޑަށް ގެއްލުންވި ނަމަވެސް، އެކަން ހުއްޓުވުމުގެ ބަދަލުގައި، ގެއްލުންވާ ގޮތަށް ވިޔަފާރި ކުރިއަށް ގެންދިއުމަށް ޖާގަ ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ހަމަ އެހެންމެ ތަހުގީގުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަވޭ ޝައްކު އުފެދޭ ގޮތަކަކަށް ކަން މި މުއާމަލާތްތައް ހުރީ. އަދި މި މުއާލާތްތަކުގެ ތެރޭގައި ބައެއް މުއާމަލާތްތައް މިއީ ކީއްވެގެންކަން ކޮށްފައި ހުރި މުއާމަލާތްތަކެއްކަން ސާފުނުވާ ކަހަލަ މުއާމަލާތްތަކެއް އެބަހުރި،" ހަސީން ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވި އެވެ: "އޭގެ އިތުރުން ހިސާބު ބެލެހެއްޓުމާ އޮޑިޓުގެ އުސޫލުތަކާ ހިލާފަށް ކޮށްފައި ހުރި އެތައް މުއާމަލާތްތަކެއް އެބަ ފާހަގަކުރެވޭ."
އޭނާ ވިދާޅުވީ، ސިޔާސީ ފަރާތްތަކުން މި ތަހުގީގަށް ހުރަސްއަޅަމުންދިޔަ ނަމަވެސް، ވީހާވެސް އަވަހަކަށް ތަހުގީގު ނިންމައި، ކުށްވެރިވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާނެ ކަމަށެވެ. އަދި ތަހުގީގު އަވަހަށް ކުރިއަށް ގެންދިއުމަށް ބޭރުގެ އެކައުންޓެންސީ ފާމްތަކާއި ގާނޫނީ މާހިރުންގެ އެހީތެރިކަން ހޯދަމުންދާ ކަމުގައި ވެސް ވިދާޅުވި އެވެ.
އެގޮތުން ސިންގަޕޫރުގައި ހުންނަ އެސްޓީއޯގެ އޮފީހާއި މިޔަންމާގެ ބަޔަކާ ދެމެދު މައިގަނޑު ގޮތެއްގައި ކުރެވުނު ކަމަށް ބެލެވޭ ވަގު ވިޔަފާރި ތަހުގީގުކުރުމުގައި އެހީތެރިކަން ދެމުން ގެންދަނީ ބައިނަލްއަގުވާމީ އެކައުންޓެންސީފާމެއް ކަމަށްވާ ގްރާން ތޯންޓަން އާއި އެގައުމުގެ ގާނޫނީ ވަކީލުންގެ ފާމެއް ކަމުގައިވާ ލޯރެންސް ގްރެހަމް އާއި ސިންގަޕޫރުގެ ވަކީލުންގެ ފާމެއް ކަމުގައިވާ ރާޖާ އެންޑް ތާން ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން، ތަފާތު ބައިނަލް އަގުވާމީ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ވެސް އެކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވި އެވެ.
ނަމަވެސް، 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ދާދިފަހުން މަޖިލީހުގައި ވިދާޅުވެފައިވަނީ، އެވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށާއި އެބުނާ 800 މިލިއަން ޑޮލަރަށްވާ ވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިޔަސް އެ ތުހުމަތުތައް ސާބިތު ނުކުރެވޭނެ ކަމަށެވެ.
އަދި ރިޔާސީ ކޮމިޝަނުން ބޭރުގެ އެކި ފަރާތްތަކަށް މިލިއަނުން ޑޮލަރު ހަރަދުކޮށްގެން މައްސަލަ ބެލި ނަމަވެސް މިހާތަނަށް އެއްވެސް އެއްޗެއް އެނގިފައެއް ނުވާ ކަމަށާއި އެމީހުން ފައިސާ ނަގައިގެން މައްސަލަ ދިގު ދަންމަނީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރިޔާސީ އާއިލާއިން 800 މިލިިއަން ޑޮލަރުގެ ވަގު ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތުކޮށް، ތަފްސީލީ ރިޕޯޓްތަކެއް ޝާއިއުކޮށްފައިވަނީ އިންޑިއާގެ ދަވީކް މަޖައްލާގައި އެވެ. އެ ރިޕޯޓްތައް ލިޔުނު ނޫސްވެރިޔާ، ސުމަން ޗަކްރަބަތީއާ ސަރުކާރާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވިފައިވެ އެވެ.