އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންނަ މަހު ބައިނަލްއަގްވާމީ "ކޯސްޓަލް ކްލީންއަޕް ޑޭ" ފާހަގަކުރަން ނިންމައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް އީޕީއޭއިން މި އިވެންޓް ކުރިއަށް ގެންދާނެއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދުގެ އިތުރުން ވަށައިގެންވާ ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާ އެކު އާންމުން ހޭލުންތެރިކަން އިތުރުކުރުމެވެ.

ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަމެންޓް ޕްރޮގްރާމް(ސަކެޕް) އާއި ސައުތު އޭޝިއާ ސީސް ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ގައުމުތަކުން ސާފުކުރުމުގެ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފައިވެއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ހުރިހާ ރިސޯޓްތަކުގައި ވެސް ސާފުކުރުމުގެ ޕްރޮގްރާމު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ނަގާ ކުނިތައް ނެގުމަށްފަގު އެ ކުނިތަކުގެ އޮޑިޓެއް ހެދުމަށް ވެސް ހަމަޖެހިފައިވާކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.

ސެޕްޓެމްބަރު މަހުގެ 17 އިން 20 އަށް މި ހަރަކާތާއި ބެހޭ މައުލޫމާތި ދިނުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީޑިޔާ މެދުވެރިކޮށް ޕްރޮގްރާމްތަކެއް ފޮނުވަން ވަނީ ހަމަޖެފައެވެ. މި މުއްދަތުގެ ތެރޭގައި އެކިއެކި ސްކޫލުތަކުގައިވެސް މިކަމާ ގުޅޭގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ އެޖެންސީ އިން ބުންޏެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސްކޫލުތަކާއި، ސަރުކާރުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމު ރައްޔިތުން ގުޅިގެންނެވެ.