29 Aug 2017, 09:30
ޓޯކިޔޯ(އޮގަސްޓް 29): އުތުރު ކޮރެއާއިން ޖަޕާނުގެ ރަށެއް ކަމަށްވާ ހޮއްކައިދޯ މަތިން މިސައިލެއް ފޮނުވާލައިފި ކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފި އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމިސައިލް ފޮނުވާލީ އުތުރުގެ ވެރިރަށް ޕްޔޮންގްޔަންގް ކައިރިންނެވެ. އަދި އެމިސައިލް ވަނީ 2،700 ކިލޯމީޓަރު ދުރުމިނަށް ދަތުރުކުރުމަށްފަހު، ތިން ބައިވެ، ކަނޑަށް ވެއްޓިފައި ކަމަށް ދެކުނު ކޮރެއާއިން ބުންޏެވެ.
އެމިސައިލް ވައްޓާލުމަށް ޖަޕާނުން މަސައްކަތްކޮށްފައި ނުވެއެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ ހޮއްކައިދޯގައި ދިރިއުޅޭ މީހުން ރައްކާތެރިވެ ތިބުމަށް އަންގާފައެވެ.
އުތުރު ކޮރެއާއިން އެމިސައިލް ޓެސްޓުކޮށްފައި ވަނީ އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުގެ ސިފައިން ގުޅިގެން ބާއްވާ ތަމްރީނުތަކެއް ތިން ގައުމުން ފެށި ފަހުންނެވެ. އެތަމްރީނުތަކަކީ ދިފާއީ ހަރަކާތެއް ކަމަށް އެގައުމުތަކުން ބުނި ނަމަވެސް އުތުރު ކޮރެއާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އަރައިގަތުމަށް ކުރަމުންދާ ތަމްރީނުތަކެކެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ ގިނަ އަދަދެއްގެ މިސައިލްތައް ޓެސްޓުކޮށްފައެވެ. ނަމަވެސް މީގެ ކުރިން އެގައުމުން ޖަަޕާން މަތިން މިސައިލް ފޮނުވާފައި ވަނީ 1998 ވަނަ އަހަރާއި 2009 ވަނަ އަހަރެވެ. އޭރު އުތުރުން ބުނި ގޮތުގައި އެއީ ސެޓެލައިޓެއް ލޯންޗު ކުރަން އުޅުމުގެ ތެރޭގައިވީ ގޮތެކެވެ. (ބީބީސީ)