ކުރީގެ ހިޓް ލަވަތަކުގެ ރީމިކްސް ހެދުން މިވަނީ ބޮލީވުޑްގައި މިހާރު ޓްރެންޑަކަށް ވެފަ އެވެ. އަދި ކުރީގެ ފިލްމުތަކުގެ ރީމޭކް ތައް ވެސް މިހާރު މިވަނީ އާންމުވާން ފަށައިފައެވެ.

އެގޮތުން ސަލްމާން ޚާންގެ ފިލްމު 'ޖުޅްވާ'ގެ ދެވަނަ ބައި 'ޖުޅްވާ 2' ފާހަގަކޮށްލެވެއެވެ. 'ޖުޅްވާ' އަކީ ޖެކީ ޗަންގެ 'ޓްވިން ޑްރެގަންސް'ގެ ރީމޭކް އެކެވެ. ސީކުއަލްއެއް ނަމަވެސް، 'ޖުޅްވާ 2' އާއި 'ޖުޅްވާ'ގެ ވާހަކަ އަކީ ގާތްގަނޑަކަށް އެކައްޗެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

'ޖުޅްވާ 2' ރިލީޒް ކުރުމަށް ކައިރިވެފައި ވާއިރު، ސަލްމާން މިވަނީ އޭނާގެ އިތުރު ދެ ފިލްމެއްގެ ރީމޭކް އޭނާ ބޭނުންވާ ކަމަށް ބުނެފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ސަލްމާންގެ ފަރާތުން ފެނިގެން ގޮސްފައި ވާއިރު، ރީމޭކް ބޭނުންވާ ކަމަށް ބުނި ދެ ފިލްމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ވެސް ލިބިފައެވެ.

ސަލްމާން ރީމޭކް ބޭނުންވާ ކަމަށް ބުނި ދެ ފިލްމަކީ 'ލަވް' އަދި 'ސޫރިޔާވަންޝީ' އެވެ. 'ލަވް' އަކީ ތެލުގޫ ފިލްމެއްގެ ރީމޭކް އެކެވެ. ފިނި ތަރުހީބެއް ލިބިގެން ދިޔަ އެ ފިލްމަކީ ދެ ލޯބިވެރިންގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ސަލްމާން ބޭނުންވަނީ އެ ފިލްމަށް ވަރުން ދަވާން ހަމަޖެއްސުމަށެވެ. 'ޖުޅްވާ 2' ގައި ވެސް ފެނިގެން ދާނީ ވަރުން އެވެ.

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ރިލީޒް ކުރި 'ސޫރިޔާވަންޝީ' އަކީ ބޮކްސްއޮފީހުގައި ބޮޑު ފްލޮޕެކެވެ. ސަލްމާންގެ އިތުރުން ޝީބާ، ސައީދް ޖަފްރީ އަދި އަމްރިތާ ސިންގ މުހިންމު ރޯލުތަކުންގެ ފެނިގެން ދިޔަ އެ ފިލްމު އަލުން ހަދަން ސަލްމާން ބޭނުންވަނީ، މިހާރުގެ އޯޑިއެންސް އަށް އެ ފިލްމު ކަމުދާނެ ކަމަށް ގަބޫލު ކުރާތީ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމު 'ޓިއުބްލައިޓް'ގެ ނާކާމިޔާބަށް ފަހު، ކުރިން ވެސް ތަރުހީބެއް ލިބިފައި ނުވާ ދެ ފިލްމެއް އަލުން އުފެއްދުމަކީ ކިހާ ބުއްދިވެރިކަމެއްތޯ ގިނަ ބަޔަކު އަންނަނީ މިހާރު ސުވާލު ކުރަމުންނެވެ.