ސޮނީ ޓީވީ އިން ދައްކަމުން ގެންދާ، ބެލުންތެރިންގެ މެދުގައި މަގުބޫލު ޝޯވ 'ދަ ކަޕިލް ޝަރްމާ ޝޯ'ގައި ދެން ދުވަހަކު ވެސް ބައިވެރި ނުވާނެ ކަމަށް ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޝޯގައި ދެން ބައިވެރިނުވުމަށް އަޖޭ ނިންމާފައި ވަނީ، ޝޯގެ އެޕިސޯޑެއް ޝޫޓު ކުރުމަށް ސެޓަށް ގެންދިއުމަށް ފަހު ކަޕިލް ޝަރްމާގެ ޚަބަރެއް ނުވެ، ޝޫޓިން ކުރިއަށް ނުގެންދެވުމުންނެވެ.

އަޖޭ ޝޫޓިންއަށް ދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމ 'ބާދްޝާހޯ' ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައެވެ. އަޖޭގެ އިތުރުން ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭއިމްރާން ހާޝްމީ، އިލީނާ ޑިކްރޫޒް އަދި އީޝާ ގުޕްތާ ވެސް ވަނީ ޝޫޓިން އަށް ގޮސްފައެވެ.

ހަތަރު ތަރިން ކަޕިލްގެ އިންތިޒާރުގައި ގަޑިއެއްހާ އިރު ތިބި ކަމަށާއި، ނަމަވެސް ޝޯގެ ހޯސްޓް ގަޑިއަށް ހާޒިރު ނުވެ، އަދި ފޯނުން ނުގުޅޭ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެހެންވުމުގެ ސަބަބުން ޝޫޓިން ޖެހުނީ ކެންސަލް ކުރާށެވެ. އަދި އަޖޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ސެޓުން ނުކުމެގެން ވަނީ ގޮސްފައެވެ. ޚަބަރުތައް ބުނާގޮތުން ކަޕިލް އަށް ޝޫޓިންގައި ބައިވެރި ނުވެވުނީ އެންޒަޔަޓީ އެޓޭކެއްގެ ސަބަބުންނެވެ.

މިއީ ކަޕިލްގެ ފަރާތުން މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޝާހުރުކް ޚާންގެ ޝޫޓިން އަކާއި، 'ގެސްޓް އިން ލަންޑަން' ގެ ކާސްޓާ އެކު ކުރިއަށް ގެންދަން އޮތް ޝޫޓިން އެއް ވެސް ވަނީ ކެންސަލް ކޮށްފައެވެ.