29 Aug 2017, 08:46
އާސެނަލުން އެލެކްސް އޮކްސްލޭޑް ޗެމްބާލެއިން، 35 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީއަށް ވިއްކާލުމަށް އެއްބަސްވެފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި، އިނގިރޭސި މިޑްފީލްޑަރު ޗެމްބާލެއިން ޗެލްސީއާ ގުޅުމަށް ނިންމާފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ދަށުންނެވެ.
ޗެލްސީގެ ޓްރާންސްފާގެ ކަންތައް ނިންމުމަށް އެ ކްލަބުގެ މެޑިކަލްގައި ބައިވެރިވުމަށް އުމުރުން 24 އަހަރުގެ ޗެމްބަލެއިން ތައްޔާރުވަމުންދާއިރު، އޭނާ ވެގެންދާނީ މި ސީޒަނުގައި އެ ކްލަބާ ގުޅޭ ފަސްވަނަ ކުޅުންތެރިޔާއަށެވެ. އިނގިރޭސި ޗެމްޕިއަން ޗެލްސީން ވަނީ މި ސީޒަނުގައި ގޯލްކީޕަރު ވިލީ ކަބަލޭރޯއާއި އެންޓޯނިއޯ ރުޑިގާއާއި ޓިއެމޯ ބަކަޔޯކޯ އަދި އަލްވާރޯ މޮރާޓާގެ ސޮއި ހޯދައިފައެވެ.
އާސެނަލުން ޗެމްބާލެއިންއަށް އާ ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުން ދޫކޮށްލައިފައެވެ. އާސެނަލުން ޗެމްބާލެއިން ވިއްކާލުމަށް ނިންމާފައިވަނީ އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އެއް އަހަރު ދުވަހަށް ވެފައިވުމުން މި ސީޒަން ނިމުމާއެކު ހިލޭ ޓްރާންސްފާއެއްގެ ދަށުން ދޫކޮށްލަން ބޭނުންނުވާތީ ކަމަށް ހަބަރުތައް ބުނެއެވެ.
ފާއިތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އާސެނަލް ދޫކޮށް، ވާދަވެރި ޗެލްސީއާ ގުޅުނު ހަމައެކަނި ކުޅުންތެރިޔަކީ އޭޝްލީ ކޯލްއެވެ.