25 Jul 2011, 16:14
މުސްލިމުންގެ މުދަލުން ޓެކްސް ނެގުމާއި އެކަމަށް ޤާނޫނު ހެދުމަކީ ހަރާމް ކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނާ ބުނުމަކީ ކަނޑައެޅިގެން އޮޅުވާލުމަށް ދައްކާ ދޮގު ވާހަކައެއް ކަމަށް އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސް އަލްހާފިޒް އަހުމަދު ޒަކީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ހާފިޒު ޒަކީ މިއަދު ވިދާޅުވީ މާތް ﷲ ހަލާލުކުރެއްވި އެއްޗެހި އަމިއްލަ އަށް ހަރާމްކޮށް، ހަރާމްކުރެއްވި އެއްޗެހި ހަލާލުކުރުމަކީ އިންސާނަކަށް ކުރެވޭނޭ ކަމެއް ނޫން ކަމަށާއި ކަމެއް ހަރާމް ކަމަށް ކަނޑައެޅުމުގެ ކުރިން ނުވަތަ ވަކި ކަމަކާ ގުޅޭ ގޮތުން ހުކުމެއް ނެރުމުގެ ކުރިން ކަޑައްތުކުރަންޖެހޭ ހަރުފަތްތަކެއް އިސްލާމްދީނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހާފިޒް ޒަކީ އަދި ވިދާޅުވީ އެގޮތަށް ބަލަންވާ ވަރަށް ނުބަލައި ބަޔާން ނެރޭ ނަމަ ދީނާއި މެދު، މީސްތަކުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި ދީނީ ގޮތުން މި ގައުމުގައި ބޮޑެތި ފިތުނަ ފަސާދަތަކެއް އުފެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް ކަމަށާއި އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަމިއްޔަތުއް ސަލަފުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނާއި ކަމާ ބެހޭ އެންމެހާ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މުދަލާ މެދު ބިރުވެތިވުމަށާއި މުސްލިމުންގެ މުދަލަކީ މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ މުދާ ކަމަށެވެ. އަދި މީހެއްގެ ރުހުންނެތި މުދާ ބޭނުންކޮށް ފައިދާ ނެގުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށާއި މުސްލިމުންގެ މުދަލުން ނަގަން ޖެހޭނީ ޒަކާތުގެ ހިއްސާ ކަމަށެވެ. އަދި މަޖުބޫރުކޮށްގެން މުސްލިމުންގެ މުދަލުން ޓެކްހާއި ޑިއުޓީ އާއި ޕެންޝަނުގެ ނަމުގައި "މުދާ ފޭރުމީ" ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ އުއްމަތް އިއްތިފާގުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަލަފް ޖަމިއްޔާގެ ރައީސް ސައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ސަލަފުން އެކަމާ ބެހޭ ގޮތުން ނޫސް ބަޔާނެއް ނެރެފައި އެވަނީ ދަލީލުތަކާ ވެސް އެކީގައި ކަމަށާއި އެކަންތައް ދޮގުކުރެވޭނީ ވެސް ދަލީލުދައްކައިގެން ކަމަށެވެ.