28 Aug 2017, 22:09
ހިތްޕުޅު އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެދުމަތިކޮށްގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޖަލު ހުކުމް އައިސްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު ސަމީރު "ސަން"އަށް މިރޭ ވިދާޅުވީ ކުއްލި ގޮތަކަށް މިރޭ އިރާކޮޅު މިނިސްޓަރު އަޒްލީން އައިޖީއެމްއެޗަށް ވަޑައިގެން، ގާސިމާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު އަޒްލީންގެ އިތުރުން ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ގާސިމާ ބައްދަލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށެވެ.
އަޒްލީނާއި މުންދު، ގާސިމާ ބައްދަލު ކުރައްވަން ވަޑައިގެންފައި ވަނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރުމަށް އެދި ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްއަށް އަޒްލީން ސިޓީއަކުން ދަންނަވާފައި ވަނިކޮށެވެ.
ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކުރި ހުކުމުގައި ގާސިމަށް ރާއްޖެއިން ބޭރުން ދޭންޖެހޭ ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރިތާ މިއަދަށް ހަތަރު ދުވަސްވީ އެވެ.
ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެތީ، އެމަނިކުފާނަށް ދިމާވެފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ގާސިމް ވަނީ ބޮލަށް އެބުރުން އަރައިގެން ކޯޓު ތެރެއަށް ވެއްޓިފައެވެ. ގާސިމްގެ މައްޗަށް ޖަލު ހުކުމް ކުރީ އައިޖީއެމްޗުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް، އެ މަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ.