ޓާމިނަލް ކެފޭގެ ތެރޭގައި މިދިޔަ މަހު ވަޅިން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، މަރާލި މައްސަލާގައި ހައްޔަރުކުރި ގ. ޝާރާޒް، މުޙައްމަދު މަފާޒް ޙުސައިންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަފާޒްގެ ބަންދުގެ މުއްދަތަށް ދެ ވަނަ ފަހަރަށް 15 ދުވަސް އިތުރުކޮށްދިނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވުމުން އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.

ޖިނާއީ ތަފާތު އެކި ކުށްތަކުގެ ރެކޯޑު އޮންނަ މަފާޒަކީ އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެދަށުން ޓެގު އެޅުވި ޒުވާނެކެވެ. އަދި މޮނިކޮން އަމުރާ ހިލާފުވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނީ މަފާޒަކީ މޮނިކޮން އަމުރާ ހިލާފުވެގެން ހައި ކޯޓުން އެއް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހެއް ކަމަށާއި އަދި އެ ހުކުމް ތަންފީޒު ކޮށްގެން ނިމިގެން މިއަހަރުގެ އޭޕްރިލް މަހު ބަންދުން ދޫކުރެވިފައިވާ މީހެއް ކަމަށެވެ.

މަފާޒް ހައްޔަރު ކުރީ ނަދީމަށް ހަމަލާދިންތާ 14 ދުވަސް ފަހުން، ގ. ޖެލީފިޝްގޭގެ ތެރެއިންނެވެ. އެގެފައިވާ ގޮތުގައިއި ހައްޔަރުކުރީ ދެ މައްސަލައެއްގެ ތުހުމަތުގައެވެ. އެއީ ނަދީމް މަރާލި މައްސަލަ އާއި ބަޔަކަށް ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައެވެ.