ރެކޯޑު އަގަކަށް ލިވަޕޫލާ ގުޅުމަށް ޖަރުމަންގެ އާރްބީ ލައިޕްޒިގްގެ މިޑްފީލްޑަރު ނަބީ ކޭޓާ އެއްބަސްވެއްޖެއެވެ.

ލިވަޕޫލާ ގުޅުމަށް އުމުރުން 22 އަހަރުގެ ގިނީ މިޑްފީލްޑަރު ކޭޓާ އެއްބަސްވެފައިވަނީ މިސީޒަން ނިމުމުންނެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ކްލަބުގެ މެޑިކަލްގައި އޭނާ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ކޭޓާ ހޯދުމަށް މިހާރު ކުރިއަށްދާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ލިވަޕޫލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ލިވަޕޫލުން ހުށަހެޅި ދެ ބިޑު ވެސް ލައިޕްޒިގުން ދޫކޮށްލާފައިވާއިރު، ދެވަނައަށް ހުށަހެޅި އަގު 75 މިލިއަން ޔޫރޯއަށް އަރާ ކަމަށް ލައިޕްޒިގްގެ ވެރިޔާ ޑިއެޓްރިޗް މަޓެސްޗިޓްޒް ވިދާޅުވެފައިވެއެވެ.

ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ލައިޕްޒިގުން ކުރިން ބުނެފައިވާ ގޮތުގައި، ކޭޓާއަށް ކޮންމެ އަގެއް ހުށަހެޅި ކަމުގައިވިޔަސް އޭނާ ނުވިއްކާނެ ކަމަށެވެ.

ލައިޕްޒިގާއެކު ކޭޓާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އަންނަ ސީޒަނުގައި އެ ކްލަބަށް ރިލީޒް ފީ ދައްކައިގެން އޭނާ ހޯދޭނެއެވެ. އަންނަ ސީޒަނުގައި ލިވަޕޫލުން އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 48 މިލިއަން ޕައުންޑްގެ އަގެކެވެ. އެއީ ރެކޯޑު އަގަކަށް 2011 ވަނަ އަހަރު ނިއު ކާސަލް ޔުނައިޓެޑުން އެންޑީ ކެރޯލް، ލިވަޕޫލަށް ގެންދިޔަ އަގަށްވުރެ 13 މިލިއަން ޕައުންޑް ބޮޑު އަގެކެވެ.